logo
banner image

ވަޒީރު އާދަމް ނަޞީރު އިބްރާހީމް ގުރައިދޫ ބައެއް އިސް ރަށްވެހިންނާ ބައްދަލުކުރައްވައިފި.

ދިވެހި ބަހާއި ސަގާފަތާ ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވަޅު ޢީދު ދުވަހުގެ ހަވީރު ކ. ގުރައިދޫގެ އިސް ރަށްވެހިންނާ ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ކުރިއަށްދިޔައީ މި އަހަރު ސަރުކާރުން ކ. ގުރައިދޫގައި އަޟްޙާ ޢީދު ފާހަގަކުރަމުންދާއިރު، ޢީދު ކުޅިވަރުތައް ޝަރަފުވެރިކޮށްދެއްވުމަށް ވަޒީރު އެރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަޅު ޢީދު ދުވަހު ހަވީރު ބޭއްވުނު މި ބައްދަލުވުމުގައި ރަށުގެ އެންމެ އުމުރުން ދުވަސްވީ އިސްރަށްވެހިން ވަނީ ވަޒީރާ ބައްދަލުކުރައްވާ އެކުގައި ވަގުތު ކޮޅެއް ހޭދަކުރައްވާފަ އެވެ. އަދި މި ބައްދަލުވުމުގައި ރަށުގެ ހުރި ޒަމާންވީ އާސާރުތަކާއި، ރަށުގެ ތާރީޚާއި، ރަށަށް ޚާއްސަ ސަގާފީ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވި މަޝްވަރާކުރެއްވި އެވެ. އަދި އިހުގައި ރަށުގެ ކަންކަން ކުރިއަށްދިޔަ ގޮތާއި، ޚާއްސަކޮށް ޢީދު ކުޅުމުގައި ގެންގުޅުނު ވައްޓަފާޅިއާއި ކުޅިވަރުތަކުގެ ވާހަކަތައް މި މުނާސަބާގައި އިސްރަށްވެހިން ވަޒީރާ ހިއްސާކުރެއްވި އެވެ.

މި ބައްދަލުވުމުގައި ވަޒީރު ވަނީ، މި ސަރުކާރުން ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ އަމިއްލަވަންތަކަމާއި ތަރިކަ ރައްކާރެތިކޮށް ދެމެހެއްޓުމަށާއި އިސްރަށްވެހީންގެ އަގު ވަޒަންކުރައްވާން ދެއްވާ އިސްކަން އެ ބޭފުޅުންނާ ހިއްސާކުރައްވައިފައެވެ. އިސް ރަށްވެހީންގެ ފަރާތުން ވަނީ އެ ކަމަށް ޓަކައި އެ ބޭފުޅުންގެ ޝުކުރުގެ ޝުޢޫރުތައް ފާޅުކުރައްވައިފައެވެ.