ގުރައިދޫ ޢީދުގެ ފުރަތަމަ ދުވަސް
މި އަހަރު މާލެ އާ އެންމެ ކައިރިން ސަރުކާރުން ޢީދު ފާހަގަކުރަނީ ކ. ގުރައިދޫގަ އެވެ. ގުރައިދޫގެ ޢީދު ހަރަކާތްތައް ފެށިގެން ދިޔައީ ޢީދު ވިލޭރޭ އެރަށުގައި ޢީދު މަޅިލުމުގެ ހަރަކާތާ އެކުގަ އެވެ. ހިއްކި ބިމު ސަރަހައްދުގައި ބޭއްވި މި ހަރަކާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާޙީމް ބައިވެރިވެވަޑައިގެންނެވި އެވެ.

އަޟްހާ ޢީދުގެ ފުރަތަމަ ދުވަހު އެރަށުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކޮށްފައި ވަނީ، ފުޓުބޯޅަ ދަނޑުގަ އެވެ. އަދި، ދަނޑު ކުރިމަތީގައި ރަށު ރައްޔިތުންގެ ބޮޑު ޢީދު ސައި ބާއްވާފައިވެ އެވެ. އެއަށް ފަހު ރަށުގެ ކުދިބޮޑު އެންމެން ބައިވެރިވެ، ފެންކުޅީގެ ފޯރި މުޅި ރަށުގައި ކުރިއަށް ދިޔަ އެވެ.

ހަވީރު ރަށުގައި ކުރިއަށްދިޔައީ، ސަގާފީ ކުޅިވަރުތަކެވެ. ބަނދަރު ސަރަހައްދާއި ރަށުގެ މަގުތަކުގައި ސަގާފީ އެކި ނެށުންތައް ކުރިއަށްގެންދިޔަ އެވެ.
ޢީދުގެ ފުރަތަމަ ދުވަސް ނިންމާލީ ރަށުގައި ކުރިއަށްދިޔަ ޢީދު ޝޯ އަކުންނެވެ. މަޝްހޫރު ޑިޓިއުން ބޭންޑާއި، ހަބޭސް ބޮޑުބެރު ގްރޫޕުގެ ހުށަހެޅުންތައް މި ޝޯގައި ފެނިގެންދިޔަ އެވެ. އަދި ޝޯ ނިންމާލާފައި ވަނީ ހަވާ އެރުވުމުންނެވެ.