ކެލާގެ ޢީދު މަހާސަމާ 1446 ގެ ފުރަތަމަ ދުވަސް
ކެލާގެ ޢީދު މަހާސަމާ 1446 ގެ ހަރަކާތްތައް ފެށިފައިވަނީ ރޭގެ ވެދުމާއި ދިޔުމުގެ ހަރަކާތުންނެވެ. އެއަށްފަހު ފޯރިގަދަ ބޮޑުބެރު ޖެހުމުގެ ހަރަކާތާއި, ޢީދު ހުޅު, އަދި ކެލާގެ ގޮނޑިދޮށުގެ ސަރަޙައްދުގައި ވަނީ ޢީދު ފެށުނު މުނާސަބަތުގައި ހަވާ އަރުވާފައެވެ.

ޢީދު ދުވަހު ހެނދުނު 7 ޖެހި އިރު ރަށުގެ ބޯޅަ ދަނޑު ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ވަނީ ޢީދު ނަމާދުކޮށް ޚުޠުބާ ކިޔާފައެވެ. އަދި ޢީދު ނަމާދަށް ފަހު ރައްޔިތުންނަށް ތައްޔާރުކޮށްފައިވާ ސަޔެއް އޮތެވެ. އޭގެ ފަހުން މެންދުރާ ޖެހެން ދެން އޮތީ އާއިލީ ވަގުތެވެ. މި ވަގުތަކީ ޢީދުގެ ތަހުނިޔާ އަދި ހަދިޔާ, ތަށިބަރި ފަދަ ތަކެތި ބަދަކު ކުރުމަށް އެއް ގެއިން އަނެއް ގެއަށް ޒިޔާރަތްކޮށް ސަލާން ގަލާން ކުރުމަށް ކަނޑައެޅުނު ވަގުތެކެވެ. މި ވަގުތުގައި, ރަށުގެ ކުދި ބޮޑު އެންމެންގެ ފަރާތުން ފެނިގެން ދިޔައީ އެކުވެރިކަމާއި އުފާވެރިކަމުގެ ޝޫޢުރު ބަދަލުކޮށް, އެކުގައި ޢީދަށް މަރުހަބާ ކީ މަންޒަރެވެ.

އެއަށް ފަހު ޢީދު ދުވަހު ހަވީރު އޮތީ މަލިކު ދަނޑި އެވެ. މި ކުޅިވަރަކީ ރާއްޖޭގެ އިތުރު އެހެން އެއްވެސް ރަށަކުން ނުފެންނަ, މިރަށަށް ޚާއްސަ ކުޅިވަރެކެވެ. އެހެން ކަމުން މި ހަރަކާތް ބަލާލުމަށް ރަށުގެ ރައްޔހިތުން, އަދި ޢީދަށް މިރަށަށް ޒިޔާރަތްކުރަމުން ގެންދާ ވަރަށް ގިނަ ފަރާތްތައް ވަނީ އެއްވެފައެވެ. ދަނޑިޖެހުމަށް ފަހު, ކޯޑިއާ ދިޔުމަށް ކޯޑިއާ އެކު އެ ސަރަޙައްދުން ވަނީ ހިނގައިގަނެ, ކޯޑި ބެހެއްޓުމަށް ނިންމާފައިވާ ސްޓޭޖް ސަރަޙައްދަށް ކޯޑި ގެންގޮސްފައެވެ. ކޯޑިއާ ދިޔުމު ހަރަކާތް ކުރިއަށް ދިޔަ ވަގުތު ފޯރިއާ އެކު ގިނަ ބަޔަކު މަގުތަކަށް ނިކުމެ ކޯޑިއާ އެއްވަރަށް ވަނީ ހިނގާފައެވެ. ސްޓޭޖް ސަރަހައްދުގައި ކޯޑި އަށް ޚާއްސަކުރެވިފައިވާ މައިދާނުގައި ކޯޑި ބަހައްޓަވައި ދެއްވީ ޢިދުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާ ޞިއްޙަތާ ބެހޭ ވަޒީރު, ޢަބްދުالله ނާޡިމް އިބްރާހީމެވެ. އަދި އަރިހުގައި ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޝަރީފުވެސް ބައިވެރި ވަޑައިންނެވިއެވެ.

ޢީދު ދުވަސް ކުލަގަދަކޮށް ފާހަގަކޮށް, ޢީދުގެ ފުރަތަމަ ދުވަހުގެ އެންމެ ފަހު ހަރަކާތަކަށް ކުރިއަށް ގެންގޮސްފައިވަނީ ބޮޑުމަސް ބޭނުމެވެ. މި ހަރަކާތް ވެގެން ދިޔައީ އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ހަރަކާތަކަށެވެ. ވަކިން ޚާއްސަކޮށް ބޮޑުމަސް ބޭނުމަށް ކުޑަކުދިން ޝައުޤުވެރިވިކަން ފާހަގަވިއެވެ. މިހަރަކާތް ބައްލަވާލެއްވުމަށް ޞިއްޙަތާ ބެހޭ ވަޒީރު, ޢަބްދުالله ނާޡިމް އިބްރާހީމް އަދި ރައްޔިތުންގެ މަޖިލިސްގެ ކެލާ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޢަބްދުﷲ ޝަރީފުވެސް އެސަހަރައްދައް ޒިޔާރަތް ކުރެއްވިއެވެ.