logo
banner image

މި އަހަރުގެ އަޟްޙާ ޢީދުގެ މުނާސަބަތުގައި ލ. އަތޮޅު ގަމުގައި ޢީދު ގަސް ރޯކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ. ފަހަކަށް އައިސް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ފިޠުރު ޢީދާއި އަޟްޙާ ޢީދުގައި ވެސް ޢީދު ގަސް ރޯކޮށް އުޅެއެވެ. ލާމު ގަމުގައި ޢީދު ގަސް ރޯކުރަނީ ޢީދު ވިލޭރޭގެ ފަތިސް ނަމާދަށް ފަހު، ޢީދު ނަމާދާ ދެމެދުއެވެ.

އިހު ދިވެހީންގެ ސަގާފަތާއި ތާރީޚަށް ބަލާ އިރު، ޢީދު ގަސް ރޯކުރުމަކީ ވަރަށް މަތިވެރި ދީނީ މަޤުޞަދަކަށް ޓަކައި، ހަމައެކަނި ފިޠުރު ޢީދުގައި ކޮށް އުޅުނުމެކެވެ. އެއީ ކުޅިވަރެއް ނޫނެވެ. މުވާސަލާތުކުރުމެކެވެ.

ރާއްޖޭގައި ޒަމާނީ ވަސީލަތްތައް ނެތް ދުވަސްވަރު ޢީދަށް ރޯދަޔަށް ހަނދުބެލުމަކީ ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ވެރީން އިސްވެ ތިބެ ކުރަމުން އައި ކަމެކެވެ. މި ގޮތުން ފިޠުރު ޢީދަށް ހަނދުފެނިއްޖެކަން ޔަގީންވުމުން އެ ކަން ޖެހިގެން އޮތް ރަށަށް އެންގުމަށް ޓަކައި ޢީދު ގަސް ރޯކުރެވެއެވެ. ރަށު ރައްޔިތުންނަށް އެންގުމަށް ޓަކައި ސަންގުފުމެވެއެވެ.

ފަތިހު، ލ. ގަމުގައި މިހާރުގެ ގޮތަށް ކުރިޔަށް ދިޔަ ޢީދުގަސް ރޯކުރުމުގެ ހަރަކާތަށް ފަހު، ލ. ގަމު ތުނޑީ އަވަށު ފުޓުބޯޅަ ދަނޑުގައި މިއަދު ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރެވުނެވެ. އަދި ތުނޑީ އަވަށު ރައްޔިތުން އިންތިޒާމުކުރި ބޮޑު ސައެއް ބާއްވާފައިވެ އެވެ. މި ދެ ހަރަކާތުގައި ވެސް ވަޒީރު ޢާއިޝަތު ޝިހާމް ބައިވެރިވެވަޑައިގަތެއެވެ.