logo
banner image

ދިވެހި ހުރިހައި ޙައްޖުވެރިން މިހާރު ތިބީ ޢަރަފާތުގައި

ދިވެހި ހުރިހައި ޙައްޖުވެރީން ޢަރަފާތު ބިމަށް ގޮސްފިއެވެ.

ޙައްޖުވެރީން ޢަރަފާތު ބިމަށް ދިއުމަށް ޓަކައި ދަތުރުފަށައިފައިވަނީ ރޭގެ ވަގުތެއްގައެވެ. މައްކާ ގަޑިން 3:30ގައި ދިވެހި ހުރިހައި ޙައްޖުވެރީންނަށް ޢަރަފާތު ޓެންޓުތަކާ ހަމައަށް ވާސިލްވެވިފައިވާކަމަށް ހައްޖު މިޝަނުން މަޢުލޫމާތު ދެއްވައެވެ.

ދިވެހި ޙައްޖުވެރީންގެ ޙާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށާއި ހައްޖުވެރީން މިއަދު ވަގުތުތައް ހޭދަކުރާނީ ޢަރަފާތުގައި ޤާއިމްކޮށްފައިވާ ޓެންޓުތަކުގައިކަމަށް ޙައްޖު މިޝަނުން ވިދާާޅުވިއެވެ.

ޙައްޖުމަހުގެ 09ވަނަ ދުވަހުގެ މެންދުރުފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. އެ ބިމަށް އެ ދުވަހު އިރުއޮއްސުމުގެ ކުރީން ނުދެވޭ މީހުންނަކަށް ޙައްޖެއް ނުލިބޭނެއެވެ.

ޢަރަފާތަށް ދިޔުމަށް ފަހު، ޙައްޖުވެރީން މުުޒުދަލިފާގައި ރޭކުރާނެއެވެ. މުޒުދަލިފާގައި ރޭކުރުމަށް ފަހު، ބޮޑު ޖަމްރާއަށް ހިލައުކައި ނިމުމުން ދެން އޮންނާނީ ހަދްޔު ކަތިލުމެވެ. އެ އަށްފަހު މިނާގައި މަޑުކުރާނީއެވެ. ތިން ޖަމްރާއަށް ހިލައުކުމަށް ފަހު، ޙައްޖުވެރީން ދެން ދާނީ ޠަވާފުލްއިފާޟާކުރާށާއި ސަޢުޔުކުރާށެވެ. ސަޢުޔުކުރުމަކީ ޞަފާ ފަރުބަދައާއި މަރުވާ ފަރުބަދައާ ދެމެދު ހަތް ފަހަރު ހިނގުމެވެ. ޙައްޖުވެރީންގެ އެންމެ ފަހު ކަމެއްގެ ގޮތުގައި ކުރާނީ ޠަވާފުލްވަދާޢެވެ. ވަދާޢުގެ ޠަވާފަކީ ޙައްޖުގެ އަޅުކަމުގައި އެންމެ ފަހުން ކުރާ ކަންތަކެވެ. ދެން މައްކާއިން އަވަހަށް ފުރާންވީއެވެ.

ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ޓަކައި މިއަހަރު ދިވެހިރާއްޖެއިން 1000 މީހުން މައްކާއަށް ދިޔައެވެ. ހުރިހައި ޙައްޖުވެރިން ވެސް މި ފަހަރު ދިޔައީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައެވެ.