logo
banner image
ދިފާޢީ ވުޒާރާ

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ލ.ކަލައިދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފި

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.ކަލައިދޫ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން ލ.ކަލައިދޫ ރައްޔިތުންނަށް ޚާއްޞަކޮށްގެން އެ ރަށުގައި "މޫދު ކަސްރަތު" ޕްރޮގްރާމް ހިންގައިފިއެވެ.

މޭ 13އިން 29އަށް ހިންގި މި ޕްރޮގްރާމްގައި އެ ރަށުގެ 45 ކަނބަލުން ޕްރޮގްރާމް ފުރިހަމަކުރައްވާފައިވެއެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން މޭ 31ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު އިބްރާހީމެވެ.

މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަގުސަދުގައި އެ ރަށު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި އަދި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމްގައި ބައިވެރިންނަށް އެއް ބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިފާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައިވެއެވެ.

ކަލައިދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.