"ބަންޑާރަނައިބުގެ އޮފީހުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރައްވައިފި
15 މޭ 2025 ގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ "ބަންޑާރަނައިބުގެ އޮފީހުގެ ބިލު"، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވައިފިއެވެ. ބަންޑާރަނައިބުގެ ޤާނޫނު މިއަދު ވުޖޫދުވެފައިވީނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މިއަދުން ފެށިގެން 90 (ނުވަދިހަ) ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.
ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 133 ވަނަ މާއްދާގެ ދަށުން ބަންޑާރަނައިބާ މަތިކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގައި އެހީތެރިވެދޭނެ ދައުލަތުގެ ވަކީލުންނާއި ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންނާގުޅޭ ހިންގުމުގެ އޮނިގަނޑު ޤާއިމުކޮށްދޭ ޤާނޫނަކަށްވާއިރު، މި ޤާނޫނަށް ޢަމަލުކުރަން ފެށުމުން ޤާއިމުވެގެންދާނެ ބަންޑާރަނައިބުގެ އޮފީހުގެ ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމަށް ނިންމާފައިވާތީ، ކަމާގުޅޭ އިޞްލާޙުތައް އެކުލަވާލައި، މިއަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރު ފެށުމާއެކު ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
އެގޮތުން، ބުނެވިދިޔަ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިޞްލާޙުތަކުގެ ތެރޭގައި، ބަންޑާރަނައިބުގެ އޮފީސް އެކުލެވިގެންވާ ގޮތާ ގުޅޭގޮތުން ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި، އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ބައެއް ކަންކަން ބަދަލުކުރުމަށް ހުށަހަޅާ ބައެއް އިޞްލާޙުތަކުގެ އިތުރުން، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ އޮނިގަނޑު އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެއްސުމަށާއި، ބަންޑާރަނައިބުގެ އޮފީހުގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާއި އެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމުގެ އުސޫލުތައް ކަނޑައެޅިގެންދާނީ، ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅާ އުސޫލުތަކާ އެއްގޮތްވަ ގޮތުގެމަތިން ކަމުގައި ހަމަޖެއްސުމަށްޓަކައި އެ ޤާނޫނަށް ގެނައުމަށް ނިންމާފައިވާ ބައެއް އިޞްލާޙުތައް ހިމެނެއެވެ.