އެން.އެމް.އައި.އާރު.އެފް. ގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކާ ގުޅޭގޮތުން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައިފި
މޯލްޑިވްސް ނޭޝަނަލް މެކޭނިޒަމް ފޮރ އިމްޕްލިމެންޓޭޝަން، ރިޕޯޓިންގ އެންޑް ފޮލޯ-އަޕް (އެން.އެމް.އައި.އާރު.އެފް.) ގެ ތެރެއިން ދިވެހިރާއްޖެއިން މި އަހަރު ފުރިހަމަ ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކަށް ބޭނުންވާ މަޢުލޫމާތުތައް އެއްކުރުމަށް ބަންޑާރަނައިބުގެ އޮފީހުން ސިލްސިލާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.
ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން، ދިވެހިރާއްޖެއިން އ.ދ. އަށް ފޮނުވަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރުމާއި، އެ މުޢާހަދާތަކުގެ ދަށުން ތަންފީޛުކުރުމަށް ހުށަހަޅާ ހުށަހެޅުންތައް (ރެކޮމެންޑޭޝަންތައް) ތަންފީޛުކުރެވެމުންދާ މިންވަރު ދެނެގަތުމުގެ މަސައްކަތް ކުރަނީ ބަންޑާރަނައިބުގެ އޮފީހުގެ ދަށުން ޤާއިމުކޮށްފައިވާ އެން.އެމް.އައި.އާރު.އެފް. އިންނެވެ.
އެގޮތުން، ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ހަތަރު ވަނަ ސައިކަލްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ރިޕޯޓުގައި ހިމަނާ މަޢުލޫމާތާ ގުޅޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންސް އޮފީހާ ބައްދަލުކޮށް ޔޫ.ޕީ.އާރު. ގެ މިދިޔަ ސައިކަލްގެ ދަށުން ދިވެހިރާއްޖެއަށް ލިބިފައިވާ ރެކޮމެންޑޭޝަންތަކާ ގުޅިގެން ކުރެވިފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙަރަކާތްތެރިވާ މަދަނީ ޖަމްޢިއްޔާތަކާ މި ރިޕޯޓާ ގުޅޭގޮތުން މަޝްވަރާކުރުމަށްޓަކައި 19 މޭ 2025 ގައި އިތުރު ބައްދަލުވުމެއް ބާއްވާފައިވެއެވެ.
ޔޫ.ޕީ.އާރު. ގެ އިތުރުން، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ދަށުން ދިވެހިރާއްޖެއިން ނޮވެންބަރު 2021 ގައި ހުށަހަޅާފައިވާ ދިވެހިރާއްޖޭގެ ކޮމްބައިންޑް 6 އަދި 7 ވަނަ ޕީރިއޮޑިކް ރިޕޯޓާ ގުޅިގެން، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އިން ފޮނުއްވާފައިވާ ލިސްޓް އޮފް އިޝޫޒްގެ ދަށުން، ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ޖަވާބުގައި ހިމަނާ މަޢުލޫމާތާ ގުޅޭގޮތުންވެސް ދައުލަތުގެ އިދާރާތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.
އެގޮތުން، އެން.އެމް.އައި.އާރް.އެފް ގެ ސެކްރެޓޭރިއަޓްއާއި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ލީޑް މިނިސްޓްރީ ކަމުގައިވާ މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި، ޗިލްޑްރަންސް އޮމްބަޑްސްޕަރސަންސް އޮފީހާއި، ދިވެހިރާއްޖޭގައި ޤާއިމުކޮށްފައިވާ ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް ފަންޑު (ޔުނިސެފް) ގެ އޮފީހުގެ އިތުރުން، މި ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ވަނީ ބާއްވާފައެވެ.
ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ދަށުން ދިވެހިރާއްޖެއިން ކުރަންޖެހޭ ރިޕޯޓިންގގެ މަސައްކަތްތަކުގެ ތެރެއިން، މި އަހަރުގެ ތެރޭގައި ދިވެހިރާއްޖެއިން ހަތަރު ރިވިއުއެއްގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޔޫ.ޕީ.އާރު. ގެ އިތުރުން، އިންޓަރނޭޝަނަލް ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ރޭޝަލް ޑިސްކްރިމިނޭޝަންއާއި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސްއާއި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑްގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމަށް ތާވަލުކުރެވިފައިވާ ރިވިއުތަކެކެވެ.