logo
banner image

ކުރުކުރު ކައްޓަލަ އަކީ އަހަރެމެންގެ ކާބައިންގެ ޒަމާނުގައި އާންމުކޮށް ކެއުމުގައި ބޭނުންކުރަމުން އައި ފަލަމަޑިގެ ބާވަތެކެވެ. މިހާރުވެސް ކުރުކުރު ކައްޓަލަ ކައި އުޅެއެވެ. މިއީ މިހާރުވެސް ރާއްޖޭގެ ގިނަ ފަޅުރަށްތަކުގައި ވަރަށްގިނައިން ހެދޭ ކައްޓަލައެކެވެ. މި ކައްޓަލަ އަކީ ވަރަށް ފުނަށް ފައިބާ ކައްޓަލައެއްކަމުން، މި ކައްޓަލަ ކޮންނަންޖެހޭނީ ވަރަށް ބުރަމަސައްކަތުންނެވެ. އެހެންނަމަވެސް ކުރުކުރު ކައްޓަލައަކީ އޭގައި ސިއްޚީ އެތަކެއް ފައިދާތަކެއް އެކުލެވިގެންވާ ބާވަތެކެވެ.

ކުރުކުރު ކައްޓަލަ އިން ލިބިދޭ ބައެއް ޞިއްޙީ ފައިދާތައް

ހިތުގެ ބަލިތަކުން ރައްކާތެރިކޮށްދިނުން: ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީ6 ނުވަތަ ޕައިރިޑޮކްސިން ގިނަ އަދަދަކަށް ހުރެއެވެ. ސިއްޚީ ދިރާސާތަކުން ދައްކާގޮތުގައި ޕައިރިޑޮކްސިން އަކީ ލޭހޮޅި ތައް ހަލާކުކޮށް އެމިނޯއެސިޑް "ހީމޯސިސްޓެއިން" ބައިބައިކުރުމަށް ބޭނުންވާ މާއްދާ އެކެވެ. އަދި ކުރުކުރުގައި ޕޮޓޭސިއަމް ވެސް ގިނަ އަދަދަކަށް ހުރެއެވެ. ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ މައުދަނެކެވެ.

ކެންސަރުން ރައްކާތެރިކޮށްދިނުން ކުރުކުރު ކައްޓަލައިގައި ވިޓަމިން ސީ އެކުލެވިގެންވުމަކީ ފްރީރެޑިކަލް ތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. އެގޮތުން އަނގަ، ކަރު، ގޮހޮރު، ބަނޑު، ކާތަކެތި ހިނގާހޮޅި، ފުއްޕާމޭ، ފަދަ ކެންސަރުގެ ބާވަތްތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ އެވެ.

ލޮލުގެ ދުޅަހެޔޮކަން ދެމެހެއްޓުން : ކުރުކުރު ކައްޓަލަ،އިގައި ދުވާލެއްގެ މައްޗަށް ބޭނުންވާ ވިޓަމިން ސީގެ 30 އިންސައްތަ ހުރެއެވެ. ވިޓަމިން ސީ އަކީ ދިފާއީ ބާރު ރަގަޅުކޮށްދީ ލޮލުގެ މައްސަލަތައް މެދުވެރިވުން ކުޑަކޮށްދޭ މާއްދާ އެކެވެ.

ބަރުދަން ލުއިކޮށްދިނުން : ކުރުކުރު ކައްޓަލައިގައި ފައިބަރު ގިނަ އަދަދަކަށް ހުރެއެވެ. ފައިބަރު ގިނައިން ހުރުމަކީ މިބާވަތްތައް ބޭނުންކުރުމުން ފުރިފައި ހުންނަ އިހުސާސެއް ގެނެސްދޭނެ ކަމެކެވެ. މާނައަކީ ނިސްބަތުން ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިކުރުމަށް އެހީތެރިކަން ލިބިގެންދިއުމެވެ.

ސިކުނޑިއާއި ނާރުތަކަށް ފައިދާވުން : ކައްޓަލައިގައި ޕޮޓޭސިއަމް ގިނައިން ހުރެއެވެ. ޕޮޓޭސިއަމް އަކީ ނާރުތަކާއި މަސްތަކުގެ މަސައްކަތަށް ބޭނުންތެރި މައުދަނެކެވެ. މަސްތައް ކުރުގެޅި ހަމައަކަށް އެޅުމާއި، ނާރުތައް ހީވާގިވެ ހަރަކާތްތެރިވުން ހަށިގަނޑުގައި ޕޮޓޭސިއަމް ހުންނަ ނިސްބަތެއްގެ މައްޗަށް ބަރޯސާވާކަން ފާހަގަ ކުރެވެއެވެ.

ލޭގައި ހަކުރު ކޮންޓްރޯލްކުރުން : ކުރުކުރު ކައްޓަލައިގައި ހުންނަ ކާބޯހައިޑްރޭޓް ބައިބައިވެ، ލޭގެ ތެރެއަށް ދަނީ ވަރަށް ލަހުންނެވެ. މިއީ ލޭގައި ހަކުރުގެ މިންވަރު ކުއްލިއަކަށް މަތިވެ، ދަށްވުމަށް ހުރަސްއަޅާނެ ކަމެކެވެ. އަދި މިއީ ހަކުރު ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

މީގެ އިތުރުން ކުރުކުރު ކައްޓަލައިން ލިއްބައިދޭ އެހެނިހެން ފައިދާތަކަސް ބަލައިލާއިރު، ކުރުކުރު ކައްޓަލައިގައި ފައިބަރު އެކަށޭނަ މިންވަރަކަށް ހުރެއެވެ. ފައިބަރަކީ ބަނޑުހިކުން ލުއިކޮށްދީ، ލޭގައި ނުރަގަޅު ސަރުބީގެ މިންވަރު ދަށްކޮށްދީ، ގޮހޮރުގެ ބަތާނަ ފަށުގައި ވިހަ މާއްދާތައް ތަތްވިޔަނުދީ ހިފަހައްޓައިގެން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުޞަތު ހަނިކުރުވައެވެ.

ކުރުކުރު ކައްޓަލައިގައި ވިޓަމިން ބީގެ ތަފާތު ވައްތަރުތައް ހުރެއެވެ. އޭގެ ތެރޭގައި ތިއެމިން، ރައިބޯފްލެވިން، ފޮލިކް އެސިޑް، ނިއެސިން، ޕައިރިޑޮކްސިން، ޕެންތޮނިކް އެސިޑް، ފަދަ ވިޓަމިންތައް ހިމެނެއެވެ. މިވިޓަމިން ތަކަކީ ހަށިގަނޑުގައި ތަފާތު މަސައްކަތްތައް ފުރިހަމަކުރުމަށް ބޭނުންތެރި ވިޓަމިން ތަކެކެވެ.

ކުރުކުރު ކައްޓަލައިގައި ގިނަ އަދަދަކަށް ވިޓަމިން ސީ ވެސް ހުރެއެވެ. ވިޓަމިން ސީ އަކީ ހަށިގަނޑުގެ ދިފާއީ ބާރު ރަގަޅުކޮށްދީ، ފާރު ފަސޭހަވުން އަވަސްކޮށްދީ، މުސްކުޅިވުން ލަސްކޮށްދީ، ކަށިތައް ހެދިބޮޑުވުމަށް އެހީތެރިވެދޭ މާއްދާ އެކެވެ.

ކުރުކުރު ކައްޓަލައިގައި މަދު މިންވަރަކަށް ނަމަވެސް ވިޓަމިން އޭ އަދި ބީޓާ ކެރޮޓީން ހުރެއެވެ. މިދެމާއްދާ އަކީ ވެސް އެންޓިއޮކްސިޑެންޓްގެ ގޮތުގައި މަސައްކަތްކުރާ މާއްދާ ތަކެކެވެ.

ކުރުކުރު ކައްޓަލައިގައި ތަފާތު ވައްތަރުގެ މައުދަންތައް ހިމެނެއެވެ. އެގޮތުން ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް، ޒިންކު، ޕޮޓޭސިއަމް، ދަގަނޑު، ކޮޕަރ، ސިލެނިއަމް ފަދަ މާއްދާ ތައް ހުރެއެވެ. މިމާއްދާތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ފުރިހަމަ ކުރުމުގައި ބައިވެރިވާ މާއްދާ ތަކެކެވެ.

އެހެންކަމުން މިއީ އަހަރެމެންގެ ކެއުމުގައި ބޭނުންކުރުމަށް މުހިންމު ބާވަތެކެވެ. އަދި މިއީ ރާއްޖޭގައި ފަސޭހައިން ހެދޭ ބަވަތެއްކަންވެސް ފާހަގަވެއެވެ. އެހެންކަމުން މިއީ އަހަރެންގެ ކާނާގެޔަޤީކަން ނުވަތަ ފުޑް ސެކިއުރިޓީގައި ވެސް މުހިންމު ދައުރެއް ދެވިދާނެ ބާވަތެކެވެ.