logo
banner image

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ މި މައްސަލައަށް ޙައްލު ގެންނަން ބޭނުންވާ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޤާނޫނެއް: ބަންޑާރަނައިބު އުޝާމް

ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަކީ މި މައްސަލައަށް ޙައްލު ގެންނަން ބޭނުންވާ ހުރިހާ ދާއިރާތަކަށް ފޯކަސްކޮށްގެން ހުރިހާ ކަމެއް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޤާނޫނެއް ކަމުގައި ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތެއްގައެވެ.

ބަންޑާރަނައިބު އުޝާމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މި ބިލަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މި މައްސަލަ ޙައްލު ކުރައްވަން ބޭނުންފުޅުވެލައްވާތީ އެ މަނިކުފާނު އިސްނަންގަވައިގެން މަޖިލީހަށް ހުށަހެޅުއްވި ބިލެއް ކަމުގައެވެ. އަދި މި ބިލަކީ ސަރުކާރަށް އެއްވެސް މަޖުބޫރު ކަމެއް އޮވެގެން މަޖިލީހަށް ހުށަހެޅި ބިލެއް ނޫން ކަމަށްވެސް ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު އުޝާމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2010 ވަނަ އަހަރުން ފެށިގެންވެސް ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނެއް އޮތް ކަމަށާއި، އެ ޤާނޫނުގައި އުނި ކަންތައްތަކެއް ހުރުމުން ފުލުހުންގެ މުއައްސަސާއަށާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާކުރުމުގައިވެސް ދަތިތަކެއް ދިމާވި ކަމަށެވެ.

ނަމަވެސް، ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި، މި ޤާނޫނު ތަޞްދީޤުކުރުމާއެކު އެހުރި ދަތިތަކަށް ޙައްލެއް ގެނެވުނީކަން ފާހަގަކުރައްވާ، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ މައްސަލައަށް ވަރަށް ރަނގަޅު ޙައްލުތަކެއް މި ޤާނޫނާއެކު ލިބިގެން ދާނެ ކަމުގައި ވިދާޅުވިއެވެ.

މި ޤާނޫނަކީ، ދިވެހިރާއްޖޭގައި ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްކުރުން ހުއްޓުވުމަށްޓަކައި ކަމާގުޅޭ ކުށާއި އަދަބު ކަނޑައެޅުމާއި، އެފަދަ ކުށްތައް ހުއްޓުވުމަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކަށް ލިބިދޭ ބާރުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުން ކުޑަކުދިން ދުރުކުރުމަށް ފިޔަވަޅު އެޅުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެފަދަ ކުށްތަކުގައި ތުހުމަތުކުރެވޭ ފަރާތްތައް މޮނިޓަރކޮށް ކޮންޓްރޯލްކުރުމާގުޅޭ އުސޫލުތައް ކަނޑައެޅުމާއި، އެނޫންވެސް ކަމާބެހޭ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެވެ.