ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރަން ބޭނުންވަނީ ޤައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން: ބަންޑާރަނައިބު އުޝާމް
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނު ތަންފީޛުކުރަން ބޭނުންވަނީ ޤައުމީ މައްސަލައެއްގެ ގޮތުގައި ދެކިގެން ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު އުޝާމް މިހެން ވިދާޅުވީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ތަޞްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ޙާއްޞަ ރަސްމިއްޔާތުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބަންޑާރަނައިބު އުޝާމް ފާހަގަކުރެއްވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވެވަޑައިގަންނަވާ ގޮތަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުންވެސް، މި މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ތައްޔާރަށް ތިބި ކަމާއި މުއައްސަސާތަކުގައި އެ ކޮމިޓްމަންޓް އޮތް ކަމުގައިވެސް ވިދާޅުވިއެވެ.
ބަންޑާރަނައިބު އުޝާމް އިތުރަށް ވިދާޅުވި ގޮތުގައި، މި ޤާނޫނު ބިލެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުގައި ކަމާއި، އަދި ގާތްގަނޑަކަށް 115 ވަރަކަށް ޞަފްޙާގެ މި ބިލު ހައެއްކަ މަސްދުވަހުގެ ތެރޭގައި ތަޞްދީޤުވެގެން މިދިޔައީ، މިއީ ޤައުމީ މައްސަލައެއްގެ ގޮތުގައި ކުރެވުނު މަސައްކަތެއް ކަމުގައި ވާތީއެވެ.
މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ގޭންގު ހަދައިގެން ހިންގާ ޖިނާއީ ބޮޑެތި ކުށްތައް ހުއްޓުވުމާއި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ދިވެހިރާއްޖޭގައި ހިންގުން ހުއްޓުވުމަށްޓަކައި، ނުރައްކާތެރި އަދި އިންތިޒާމުވެގެން ހިންގާ ބޮޑެތި ކުށްތަކާއި ނުޙައްޤު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށް ހިމެނޭގޮތުން ކުށުގެ ގޮތުގައި ކަނޑައެޅޭ ޢަމަލުތައް ބަޔާންކުރުމާއި އެ ކުށްތަކުގެ އަދަބު ކަނޑައެޅުން ހިމެނެއެވެ.