ޖީޕީއީގެ އޭޝިއާ-ޕެސިފިކް، އީސީއޭ އަދި މެނާ ސަރަޙައްދުތަކުގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެ
ޖީޕީއީ (ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަން) ގެ އޭޝިއާ-ޕެސިފިކް، ޔޫރަޕް އަދި ސެންޓްރަލް އޭޝިއާ (އީސީއޭ) އަދި މިޑްލް އީސްޓް އަދި ނޯތު އެފްރިކާ (މެނާ) ސަރަޙައްދުތަކުގެ އަހަރީ ބައްދަލުވުމުގައި ދިވެހިރާއްޖެ އިން ބައިވެރިވެއްޖެއެވެ.
މެއި 19 އިން 21 އަށް ވިއެޓްނާމްގެ ވެރިރަށް ހަނޯއީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ދިވެހިރާއްޖެ އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަން ތަމްސީލުކޮއްދެއްވީ ޖީ.ޕީ.އީއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ފޯކަލް ޕޮއިންޓް ޢާއިޝަތު ޙަސަނެވެ.
މި ބައްދަލުވުމުގައި ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި ކުޑަކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރެވުނެވެ. މީގެ އިތުރުން ތަޢުލީމީ ދާއިރާއަށް ފައިނޭންސްކުރުމާ އަދި ދެމެހެއްޓެނިވި ތަޢުލީމީ ނިޒާމުތައް ބިނާކުރުމާ ގުޅޭ މުހިންމު މަޝްވަރާތައްވެސް ކުރިޔަށް ދިޔައެވެ. މި ބައްދަލުވުމުގައި ޖީޕީއީގެ ޖުމްލަ 36 ޕާޓްނަރ ޤައުމުން ބައިވެރިވިއެވެ.
ގްލޯބަލް ޕާޓްނަރޝިޕް ފޯރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) އަކީ ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ތަޢުލީމީ ނިޒާމު ކުރިއެރުވުމަށް ހިލޭ އެހީ ދޭ ބައިނަލްއަޤްވާމީ އެންމެ ބޮޑު އެއް ފަންޑެވެ. އެގޮތުން ޖީ.ޕީ.އީގެ 9.5 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއާއެކު ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމަށް އިންގިލާބީ ހެޔޮ ބަދަލެއް ގެނައުމަށްޓަކައި "ތައިބަ" ގެ ނަމުގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަނީ 2024 ވަނަ އަހަރުގެ އޮގަސްޓު 22 ގައި އާ ޕްރޮޖެކްޓެއް ފަށާފައެވެ.