logo
banner image

ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ޙައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް އަންނަނީ ކުރެވެމުން - ވަޒީރު

ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ދިވެހި ޙައްޖުވެީންގެ ކަންކަން ފަސޭޙަކުރުމަށް ޓަކައި ސަރުކާރުގެ ކަމާބެހޭ ހުރިހައި އިދާރާތަކެއް ގުޅިގެން ޙައްޖުވެރީންގެ ކަންކަން ފަސޭހަކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމު އަންނަކަމަށާއި މި ކަންކަމުގެ ހެޔޮ ނަތީޖާ ވެސް ފެންނަމުން އަންނަކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، މި އަހަރު ރާއްޖެއިން ޙައްޖަށް ދާ ފުރަތަމަ ފުލައިޓުގެ ޙައްޖުވެރީންނަށް މިރޭ ޙައްޖު ކޯޕަރޭޝަނުން ބޭއްވި ތަމްރީނު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މާތް ﷲގެ އިރާދަފުޅާ އެކު، ދިވެހި ޙައްޖުވެެރީންނަށް މި އަހަރު ވަރަށް ގިނަ ލުއި ފަސޭހަތަކެއް ލިބޭނެކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ތަޢާރަފުކޮށްފައިވާ މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވާން ނިންމެވިކަމީ ދިވެހިރާއްޖޭގެ ޙައްޖުގެ ތާރީޚުގައި ވެސް އަންނަ އެންމެ ފަސޭހަ ކަންތައްތަކަށް ވާނެކަމަށެވެ.

ވަޒީރުގެ ވާހަަކަފުޅުގައި ވަނީ މައްކާ ރޫޓު އިނީޝިއޭޓިވްއާ ގުޅޭ މުހިންމު މަޢުލޫމާތުތަކެއް ޙައްޖުވެރީންނާ ޙިއްސާކުރައްވައިފައެވެ. ވަޒީރު ވިދާޅުވީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ފަސޭހަކަން ޙައްޖުވެރީންނަށް އިޙުސާސުކުރެވޭނީ ޖިއްދާ އެއާރޕޯޓުންކަމަށާއި ޙައްޖުވެރީންނަށް ޖިއްދާ އެއާރޕޯޓުން ސަޢުދީ ސަރުކާރުން އިސްތިޤުބާލުކުރައްވާނެކަމަށާއި، އިމިގްރޭޝަންގެ ކަންކަމަށާއި ފޮށިތަންމަތި ލިބިގަތުމަށް ޓަކައި ޙައްޖުވެރީން އެއާރޕޯޓުގައި މަޑުކުރާންނުޖެހި ވަގުތުން ހޮޓަލަށް ދެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރަށް ދިވެހި ޙައްޖުވެރީންނަށް ޓަކައި ދިވެހި ސަރުކާރުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ހުރިހާ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމި ތިއްބަވާނެކަމަށާއި، ޙައްޖުވެރިއަކަށް އުނދަގޫ ޙާލަތެއް ދިމާވި ނަމަވެސް ދިވެހި ސަރުކާރުން އެ ޙައްޖުވެރިއަކަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ދިވެހި ޙައްޖުވެރީންގެ ތެރެއިން މި އަހަރު ފުރާ ޙައްޖުވެރީންގެ ފުރަތަމަ ގުރޫޕު ފުރާން ހަމަޖެހިފައިވަނީ މި މަހުގެ 26ވަނަ ދުވަހު ސުޢޫދީ އެއަރލައިންގެ މަތީންދާބޯޓެއްގައެވެ. އެ ދުވަހު އެއާރޕޯޓުގައި މައްކާ ރޫޓު އިނީޝިއޭޓިވް ރަސްމީކޮށް އިފުތިތާޙުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މައްކާ ރޫޓު އިނީޝިއޭޓިވް އިފުތިތާޙުކޮށްދެއްވާނީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނެވެ.