logo
banner image

މާލިއްޔަތު ޤާނޫނު - ދައުލަތުގެ އިދާރާތަކުން އަހަރީ ރިޕޯޓު ހުށަހެޅުން

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ގޮތުން ދައުލަތުގެ ކޮންމެ އިދާރާއަކުންވެސް މާލީ އަހަރެއް ނިމޭތާ 3 މަސްދުވަހުގެ ތެރޭގައި އެ އިދާރާއެއްގެ މާލީ ހިސާބު ތައްޔާރުކޮށް އޮޑިޓަރ ޖެނެރަލް އަށް ހުށަހަޅަން ޖެހޭނެއެވެ. މިގޮތުން ތައްޔާރުކުރާ މާލީ ހިސާބުތައް ހިމަނައި އެ އިދާރާއެއްގެ އަހަރީ ރިޕޯޓު ހުށަހެޅުމަކީ އެ އިދާރާއެއްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެވެ. އަދި ދައުލަތުގެ އިދާރާތަކުން އަހަރީ ރިޕޯޓު ތައްޔާރު ކުރާއިރު މައިގަނޑު 7 ބަޔެއް އެ ރިޕޯޓުގައި ހިމަނަންވާނެއެވެ. އެ 7 ބަޔަކީ:

1. ދައުލަތުގެ އޮފީހުގެ ޤާނޫނީ އޮނިގަނޑާއި، އެ އޮފީހަކާ ގުޅޭ ޤާނޫނުތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުންތަކާއި، އެފަދަ އެހެނިހެން ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުން، އެ އޮފީހެއްގެ ސިޔާސަތުގެ ލަނޑުދަނޑިތަކާއި މަގުސަދު ހާސިލުވެވުނީ ކިހާވަރަކަށްކަން، އަދި އެ އޮފީހަކުން އެ އަމާޒަށް ވާސިލުވުމަށް ޓަކައި ޚަރަދުކޮށްފައިވަނީ ބޭނުންތެރި ގޮތެއްގައި ކަމާއި، ހަރުދަނާ ގޮތެއްގައިކަން؛

2. ދައުލަތުގެ އޮފީހުގެ މައިގަނޑު ސިޔާސަތުތަކާއި، ހާސިލުކުރަން ބޭނުންވާ އަމާޒުތަކުގެ ލަނޑުދަނޑިތަކާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ރޭވިފައިވާ ކަންތައްތަކުގެ ތެރެއިން ކުރެވުނު ކަންތައްތަކާއި ނުކުރެވިހުރި ކަންތައްތަކުގެ ތަފުސީލު؛

3. އެ އޮފީހެއްގެ އިދާރީ އޮނިގަނޑު؛

4. އެ އިދާރާއަކުން ޝާއިޢުކޮށްފައިވާ ލިޔުންތައް؛

5. އެ އިދާރާއަކުން އަގު ހެދުމުގައި ގެންގުޅުނު ސިޔާސަތުތައް؛

6. އެ އިދާރާއެއްގެ ކެޕިޓަލް މަޝްރޫޢުތަކުގެ ތަފުސީލު؛

7. ދައުލަތުގެ އޮފީހެއްގެ މަސައްކަތްތަކާ ގުޅޭގޮތުން ހިމަނަންޖެހޭކަމަށް އެ އޮފީހަކަށް ފެންނަ އިތުރު މަޢުލޫމާތެއް ވާނަމަ، އެ މަޢުލޫމާތު.

މި މައިގަނޑު 7 ބައިތަކުގެ މައްޗަށް އެކުލަވާލާ އަހަރީ ރިޕޯޓު އޮޑިޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާނީ އެ އޮފީހުގެ ވެބްސައިޓްގައިވާ، މާލީ ބަޔާން ހުށަހެޅުމުގެ ޕޯޓަލް މެދުވެރިކޮށް އެ ޕޯޓަލްއަށް ވަނުމަށް ދައުލަތުގެ އިދާރާތަކުގެ މާލީ ޒިންމާދާރު ވެރިޔާއަށް ދީފައިވާ ލޮގިން ބޭނުންކޮށްގެން ހުށަހެޅޭނެއެވެ.