logo
banner image

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާ، މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ) އަދި ރަތަފަންދޫ ކައުންސިލްގެ އިސްބޭފުޅުން ބައިވެރިވެ، މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ ޒުވާނުންނަށް މަތީ ތަޢުލީމާއި ތަމްރީނު ހާޞިލުކުރުމަށް ހުރި ފުރުޞަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ރަތަފަންދޫ ކައުންސިލްގެ އެދުމަކަށް ބޭއްވުނު ބައްދަލުވުމެކެވެ. މޯލްޑިވިސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)ގެ އިސް ބައެއް ބޭފުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި، އެ އޮތޯރިޓީއާއި މޯލްޑިވިސް ޕޮލިޓެކްނިކްގެ ފަރާތުން ހިންގާ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރަތަފަންދޫގައި ހިންގޭނެގޮތެއް ހަމަޖެއްސުމާމެދު ވަނީ މަޝްވަރާކޮށްފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވުޒާރާއާއި އެ ވުޒާރާގެ ދަށުން މަސައްކަތްކުރަމުންދާ އެމްއެންއެސްޑީއޭ ފަދަ އިދާރާތަކާއިއެކު، އަތޮޅުތަކުގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި މަޝްވަރާކުރުމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް މަތީ ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތައް ފަހިވެގެންދިޔުމަށް މަގުފަހިވެގެންދެއެވެ.