މިއަހަރު ޙައްޖަށްދާން ކިއުގައި ތިބި އެންމެންނަށް ވެސް ފުރުސަތު ލިބޭ: މިނިސްޓްރީ
މިއަހަރު ޙައްޖަށް ދިއުމަށް ޓަކައި، ޙައްޖު ކޯޕަރޭޝަންގެ ޙައްޖު ކިއުގައި ތިބި ހުރިހާ މީހުންނަށް ވެސް ޙައްޖަށްދިއުމުގެ ފުރުސަތު ލިބޭނެކަމަަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ޙައްޖު ކޯޓާގެ ތަފުސީލު މި މަހުގެ 26ވަނަ ދުވަހު ހާމަކުައްވާނެއެވެ. އަދި ކޮންމެ އަހަރަކު ވެސް ކޯޓާ ބޭނުންކުރާ ގޮތުގެ ތަފުސީލު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖައްސަވައިފައެވެ.
މި ކަން މި ގޮތަށް އިންތިޒާމްކުރެވޭނެކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް މީގެ ކުރީން ވަނީ ހާމަކުރައްވައިފައެވެ.
މިއީ ޒަމާންތަކަކަށް ފަހު, އެ އަހަރެއްގައި ކިއުގައި ޙައްޖަށް ދެވޭނެ ކަމަށް ހަމަޖެހިފައިވާ އެންމެނަށް އެ އަހަރު ހައްޖަށް ދެވޭ ފުރަތަމަ ފަހަރުކަން ރައީސް ވަނީ ފާހަގަކުރައްވައިފައެވެ.
ދިވެހިރާއްޖެއިން ޙައްޖަށް ދާ މީހުންގެ އިންތިޒާމުތައް ރަނގަޅުކުރުމަށް ވުޒާރާއާއި ދަޢުލަތުގެ ޙައްޖު ކުންފުނި، ޙައްޖު ކޯޕަރޭޝަނުން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރަކީ ދިވެހި ޙައްޖުވެރިންނަށް "މައްކާ ރޫޓު އިނީޝިއޭޓިވް"ގެ ދަށުން ޙައްޖަށް ދިއުމުގެ އިންތިޒާމް ހަމަޖެހި، ޙައްޖުގެ ދަތުރަށް ބޮޑު ލުއި ފަސޭހައެއް ލިބޭނެ އަހަރެކެވެ.
ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ބެއްލެވުމުގެ ދަށުން ޙައްޖުގެ އިންތިޒާމްތައް ފުރިހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ އިރު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމެނުމަކީ އެ މަނިކުފާނުގެ ޒަޢާމަތުގައި، ޚާއްޞަކޮށް ޙައްޖާ ބެހޭ ކަންތައްތަކުގައި، ރާއްޖެއަށް ލިބުނު ފާހަގަކޮށްލެވޭ ތާރީޚީ ކުރިއެރުމެކެވެ.