logo
banner image

ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަސް: ދިވެހިރާއްޖޭގެ ޤައުމީ ދާރުލްއާސާރު

ކޮންމެ އަހަރައްގެ ވެސް މެއި މަހުގެ 18 ވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަޤްވާމީ ދާރުލްއާސާރު ދުވަހުގެ މި އަހަރުގެ ޝިޢާރަކީ ހަލުވިކަމާއެކު ބަދަލުވަމުންދާ މުޖުތަމައުތަކުގައި ދާރުލްއާސާރުތަކުގެ މުސްތަޤުބަލެވެ. މި ފަދަ މުހިންމު ދުވަހެއް މިއަދު ފާހަގަކުރާއިރު، ރާއްޖޭގައި ހިންގާ ޤައުމީ ދާރުލްއާސާރުގެ ތާރީޚު ކޮންމެ ވެސް މިންވަރަކަށް ބަލައިލުން މުހިންމެވެ.

ދިވެހިރާއްޖޭގެ ފުރަތަމަ ދާރުލްއާސާރު ހުޅުވާފައި ވަނީ 1952ވަނަ އަހަރުގެ ދިވެހިރާއްޖޭގެ ޤައުމީ ދުވަހުއެވެ. އެއީ 19 ނޮވެމްބަރު 1952 އެވެ. ޤައުމީ ދާރުލްއާސާރު އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އޭރުގެ ވަޒީރުލްއަޢުޡަމް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނެވެ. ދާރުލްއާސާރެއް އުފެއްދެވުމުގައި އެމަނިކުފާނުގެ އެންމެ މުހިންމު މަޤްޞަދަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ސަޤާފަތާއި ތަރިކައާ މެދު ދިވެހި ހިތްތަކުގައި ފަޚުރުވެރިކަން އުފެއްދެވުމާއި ޙުއްބުލްވަޠަންގެ މަތިވެރި ރޫޙު ދިވެހީންގެ މެދުގައި އުފެއްދެވުމެވެ.

ޤައުމީ ދާރުލްއާސާރު އެންމެ ފުރަތަމަ ގާއިމްކޮށްފައިވަނީ ގަނޑުވަރުތެރޭގެ ސަރަޙައްދުގައި ހުރި އުސްގެކޮޅުގައެވެ. އެއީ ގަލާއި ލަކުޑިން އިމާރާތްކޮށްފައިވާ އޭރުގެ ގޮތުން ބަލާ ނަމަ އެންމެ ޒަމާނީ އެންމެ އާސާރީ އެއް ތަނެވެ. ބޯ ފާރުތަކާއި ލަކުޑިން ހަދާފައިވާ 3 ފަންގިފިލާއާއި ސިޑިތަކަކީ އެ ޒަމާނުގައި އެ ފެންވަރަށް ހެދި ފުރަތަމަ އިމާރާތެވެ. މި ސަބަބަށްޓަކައި އެ ތަނަކީ މިއަދު ވެސް ދިވެހި ތަރިކައިގެ ތެރޭގައި ހިމެނޭ އިމާރާތެކެވެ.

ދާރުލްއާސާރު އިފްތިތާޙު ކުރެއްވުމުގެ ދުވަސްތަކެއް ކުރިން އެފަދަ ތަނެއްގައި ހިމެނުމަށް އެކަށީގެންވާ ތަކެތި ރާއްޖޭގެ އެކި ކަންކޮޅުތަކުން މާލެއަށް ގެންނެވިއެވެ. މީގެ ތެރޭގައި ގިނައީ ރާއްޖޭގެ ތާރީޚުގެ މެދު ޒަމާނަށްވާ ދު ވަސްވަރުގެ ތަކެއްޗެވެ. ރާއްޖެ އިސްލާމްވުމުގެ ފަހުން އެކި ދައުރުތަކުގައި ތަޚުތު ފަޅުފިލުއްވެވި ރަސްރަސްކަލުންނާ ގުޅިފައިވާ ތަކެއްޗެވެ. އޭގެ ތެރެއިން ގިނަ ތަކެތި މިހާރު ވެސް ދާރުލްއާސާރުން ފެންނަން އެބަހުއްޓެވެ.

ޤައުމީ ދާރުލްއާސާރެއް އުފެއްދެވުމަކީ ސުމުއްވުލް އަމީރު މުޙައްމަދު އަމީންގެ ޚިޔާލުފުޅެކެވެ. އަހަރުތައް ވޭތިވަމުން ދިޔަދިޔަހެން ދާރުލްއާސާރުގައި ފުރަތަމަ ބެހެއްޓުނު ތަކެތީގެ ތެރެއަށް ވަރަށް ގިނަ އާސާރީ ތަކެތި އިތުރުވެފައިވެއެވެ. ދާރުލްއާސާރުގައި ތަމްސީލްކުރަންޖެހޭ ތަކެތި ގިނަވަމުން ދިއުމާއެކު ޢިމާރާތުގެ ދަތިކަމާއި ޖާގަ ކުޑަކަން ވަރަށް ބޮޑަށް އިޙްސާސްވާން ފެށިއެވެ. އެހެންކަމުން، އެކަމަށް ޚާއްސަ އެކަށީގެންވާ އިމާރާތެއް ގާއިމްކޮށް ރާއްޖޭގެ ސަގާފަތާއި ތާރީޚު އެއް ތަނެއްގެ ތެރޭގައި އާންމުންނަށް ފެންނާނެހެން ރައްކާކުރެވިފައި ބެހެއްޓުމަށް އެކި ސަރުކާރުތަކުން ކުރި ބުރަ މަސައްކަތްތަކުގެ ދަށުން، މިހާރު ދާރުލްއާސާރު ހިންގަމުން އަންނަ އިމާރާތަށް މި ތަން ބަދަލުކޮށްފައި ވަނީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. މި އިމާރާތަކީ ދާރުލްއާސާރާއި، ދިވެހި ތާރީޚާއި ސަގާފަތާއި ގުޅުންހުރި އެންމެނާ މަސައްކަތްތައް އެއް ފަސްކުރެވޭ ގޮތަށް އިންތިޒާމުކޮށް އިމާރާތްކޮށްފައިވާ ތަނެކެވެ.

ދާރުލްއާސާރު ހިންގުން މި އިމާރާތަށް ބަދަލުކުރުމުގެ ފަހުން ވެސް ޔުނެސްކޯ ފަދަ ބައިނަލްއަޤުވާމީ އެކި ފަރާތްތަކާ ގުޅިގެން ތަނުގައި ބެހެއްޓިފައިވާ ތަކެތި ބެލެހެއްޓުމާއި، އިމާރާތުގެ އާބާތުރަ ފިލުވައި މަރާމާތުކުރުމުގެ މަސައްކަތްތައް ކޮށްފައިވެއެވެ. އެންމެ ފަހުން ތަނުގެ މަރާމާތުކޮށް ބަދަލުތައް ގެނެސްފައި ވަނީ 2024ވަނަ އަހަރު އެވެ.

މިވަގުތު ދާރުލްއާސާރުން ފެންނަން ހުރި ތަކެތީގެ ތެރޭގައި ވެސް އެންމެ ގިނައީ ރަސްރަސްކަލުންގެ ޒަމާނުގައި ބޭނުންކޮށްފައިވާ ފޭރާންކޮޅުތަކާއި ތަޚްތުތަކެވެ. އޭގެ ފަހުގެ ޒަމާންތަކަށް ބަލާއިރު، އެންމެ އިހުގެ ރޭޑިއޯ ޓެލެފޯނާއި ކޮމްޕިއުޓަރު ސިސްޓަމް ފަދަ ތަކެއްޗާއެކު ޤައުމީ ދާރުލްއާސާރަކީ މުއްސަނދި ތަނެކެވެ. ހަމަ އެހެން ރާއްޖޭގެ އޭރާއި މިހާރުގެ ތަރައްޤީއާއި އަދުގެ ސަރުކާރުގެ މުސްތަޤުބަދަލުގެ ތަޞައްވުރަށް ބަލާއިރު، އިތުރު ކުރިއެރުމާއި ޒަމާނީ ފަންނިއްޔާތަށް ބޭނުންވެފައިވާ ބިނާއެކެވެ.