logo
banner image

ވަޒީރު ރާފިޢު، "ކިޑްސް އެތުލެޓިކްސް ޑޭ"ގެ ހަރަކާތްތައް ފައްޓްވައިދެއްވައިފި

ކުޑަކުދިންގެ ދުވަހާއި ކިޑްސް އެތުލެޓިކްސް ޑޭ ފާހަގަކުރަން ކުރިއަށްދިޔަ ހަރަކާތްތައް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު، ޢަބްދުﷲ ރާފިޢު ފައްޓަަވައިދެއްވައިފިއެވެ.

ކުލަބު ރޭސާސް އިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ އާއި ޔުނިސެފް އަދި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ބޭއްވި "ކިޑްސް އެތުލެޓިކްސް ޑޭ"ގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން ބައިވެރިވިއެވެ.

ހުޅުމާލޭ ސިންތެޓިކް ޓްރެކްގައި ކުރިއަށްދިޔަ މި ހަރަކާތުގައި ތުއްތު ކުދިން ޝައުގުވެރިވާ ކަހަލަ އެކި ކުޅިވަރުތައް ބޭއްވިއެވެ. އޭގެތެރޭގައި ދުވުމާއި، ބޯޅަ އެއްލުމާއި ބޯޅަ ހޮވުން އަދި ރިލޭ މެޗެއް ހިމެނެއެވެ.

"ކިޑްސް އެތުލެޓިކްސް ޑޭ 2025" އަކީ އުމުރުން 7 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ އިވެންޓެކެވެ.

މި އިވެންޓް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ބައިވެރިންނަށް މެޑެލް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދެވެ. އަދި އެކަމަނާގެ އަރިހުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް އާއި ސިއްޙަތާ ބެހޭ ވަޒީރު އަބްދުﷲ ނާޒިމް އިބްރާހިމް އަދި އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް މުހައްމަދު މުޞްތަފާވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޔުނިސެފުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑޮކްޓަރ އެޑްވާޑް އަޑާއީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ހުރިހާ އުމުރެއްގެ މީހުންވެސް ހެލިފެލި އުޅުމާއި ދުޅަހެޔޮ ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކުޅިވަރާއި އިޖްތިމާއީ ދާއިރާއިގެ ބައެއް ސިޔާސަތުތަކުގައި ވަރަށް ބޮޑަށް އިސްކަން ދެއްވާ ކަމެވެ.