މޯލްޑިވްސް އެކްސްޕޯ 2025 : ވައިޕޯ އައިޕީއެމްސީ އަކީ ކޮބާ؟
މި މަހު 23 އިން 31 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ ތެރެއިން ކުރިއަށް ގެންދާ ވައިޕޯ އައިޕީ މެނޭޖްމަންޓް ކްލިނިކް (އައިޕީއެމްސީ) ޕްރޮގްރާމަކީ ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި، ވިޔަފާރިވެރިންނަށާއި، އުފެއްދުންތެރިންނަށް އަމާޒުކޮށްގެން ހިންގޭ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ބައިވެރިންނަށް އެ ފަރާތްތަކުގެ ވިޔަފާރީގެ ސްޓްރެޓެޖީތަކުގައި އިންޓެލެކްޗުއަލް ޕްރޮޕަރޓީ (އައިޕީ) ހިމެނުމަށް ޢަމަލީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ. މީގެ ސަބަބުން ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ވަރުގަދަކުރުމަށް މަގުފަހިވެގެންދާނެއެވެ.
30 ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި އުފެއްދުންތެރިންނާއި ވިޔަފާރިވެރިން ބައިވެރިކޮށްގެން ކުރިއަށް ގެންދާ މި މި ޕްރޮގްރާމުގެ މުއްދަތަކީ 4 މަސްދުވަހެވެ. އެގޮތުން އެކްސްޕޯގެ ތެރެއިން އައިޕީ މާހިރުން ވިޔަފާރިތަކަށް އެތަނުގައި އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އަދި އޭގެ ފަހުން އޮންލައިންކޮށް އެހީތެރިކަން ފޯރުކޮށްދިނުން ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމްގެ ބައިވެރިންނަށް އެފަރާތްތަކުގެ ވިޔަފާރީގެ ބްރޭންޑް އިތުރަށް ހަރުދަނާކޮށް، ޤާނޫނީ ގޮތުން ރައްކާތެރިކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބްރޭންޑިންގ މާހިރަކާއި ނުވަތަ އިންޓެލެކްޗުއަލް ޕްރޮޕަރޓީ ދާއިރާގެ ޤާނޫނީ ވަކީލަކާ އެކު، މަޝްވަރާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ އައިޕީ އެސެޓްތައް ދެނެގަނެ ރައްކާތެރިކުރުމަށާއި، ބްރޭންޑިންގ އާއި މާކެޓިންގ ސްޓްރެޓެޖީތައް އެކުލަވާލުމަށާއި، އައިޕީގެ ޒަރީޢާއިން ފުރުޞަތުތައް އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. މިއީ ދިވެހިރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
ޢިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިޔާ ބެހޭ ވުޒާރާ އިން ވޯލްޑް އިންޓެލެކްޗުއަލް ޕްރޮޕަރޓީ އޯގަނައިޒޭޝަން (ވައިޕޯ) އާ ގުޅިގެން، ވައިޕޯ އައިޕީ މެނޭޖްމަންޓް ކްލިނިކް (އައިޕީއެމްސީ) ގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ފުރުސަތު ހުޅުވާލާފައިވަނީ މި މަހު 5 ވަނަ ދުވަހުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިޤްތިޞާދީ ކުރިއެރުމަށް ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރެއިން އެއް ސިޔާސަތުކަމަށްވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮގްރާމެކެވެ.