ތާޖުއްދީން ސްކޫލު ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑު، އެމްއާރުސީސީއަށް ޒިޔާރަތްކޮށްފި
ތާޖުއްދީން ސްކޫލުގެ ދަރިވަރުން، އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ޒިޔާރަތްކޮށްފިއެވެ.
ތާޖުއްދީން ސްކޫލު، ގްރޭޑް 5 ގެ ދަރިވަރުން އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައި މިވަނީ ސްކޫލުގެ ތިމާވެށި ކަރިކިޔުލަމްގައި ހިމެނޭ ދިވެހިރާއްޖޭގައި ހެދޭ ގަސްގަހާގެހީގެ މަޢުލޫމާތު ހޯދުމުގެ ގޮތުންނެވެ. މިގޮތުން، އެ ސްކޫލުގެ 110 ދަރިވަރުން ވަނީ އެމްއާރުސީސީއަށް ޒިޔާރަތްކޮށްފައެވެ.
މި ޒިޔާރަތުގައި، އެމްއާރުސީސީގައި ހައްދާފައިވާ ގަސްގަހާއި ޕްލާންޓޭޝަންއާ ބެހޭގޮތުންނާއި ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭގޮތުންނާއި އެމްއާރްސީސީގެ ދައުރާ ބޭހޭގޮތުން އެމްއާރުސީސީގެ ފަރާތުން ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ، އެމްއާރުސީސީގެ ސިފައިންނެވެ. އެމްއާރުސީސީއަކީ، ދިވެހިރާއްޖޭގައި ހެދޭ ވަރަށް ގިނަ ގަސްތައް ހައްދާފައިވާ މަރުކަޒެކެވެ.