logo
banner image
ތަޢުލީމީ ވުޒާރާ

ތަޢުލީމު ނިޒާމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަން ކޮންމެހެން ކުރަންޖެހޭ ކަމެއް – ސްޓޭޓް މިނިސްޓަރ ޑރ. ލަޠީފް

ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކަކުން ފޯރުކޮށްދެވޭ ތަޢުލީމުގެ ފެންވަރު އެއްގޮތްކުރުމަށްޓަކައި ތަޢުލީމީ ނިޒާމަށް ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކޮންސެޕްޓް ގެނައުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއް ލަޠީފް މުޙައްމަދު ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ މޯލްޑިވްސް 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓްގައި، ތަޢުލީމީ ވުޒާރާ ތަމްސީލުކުރައްވާ ދެއްވި ޕްރެސެންޓޭޝަނެއްގައެވެ.

ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުއް ލަޠީފް މުޙައްމަދު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ އެއްފަސް ޤައުމަކަށް ނުވާތީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގެ މުދައްރިސުންގެ ޑިޖިޓަލް ހުނަރުތަކާއި، ކިޔަވައިދިނުމަށް ބޭނުންކުރާ ވަސީލަތްތަކާއި، ސްކޫލްތަކުގެ އިންފްރާސްޓްރަކްޗަރގައި ތަފާތުތަކެއް ހުންނަކަމަށެވެ.

އެހެންކަމުން، ޑިޖިޓަލް ހުނަރުތައް ތަރައްޤީކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއެކު މަންހަޖާ އެއްގޮތަށް ކިޔަވައިދިނުމަށް ވަސީލަތްތައް ފޯރުކޮށްދިނުމުގެ އިތުރުން، ކޮންމެ ސްކޫލެއްގައިވެސް ސްމާޓް ޑިވައިސްތައް ގާއިމުކޮށް، އެޑެޕްޓިވް ލަރނިންގއަށް މަގުފަހިކޮށްދީ، ޑޭޓާގެ މައްޗަށް ބުރަވެ ނިންމުންތައް ނިންމުމުގެ ޤާބިލުކަން އިތުރުކުރަން ޖެހޭކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހިރާއްޖެ 2.0 އަކީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލުކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.