logo
banner image
ޚާރިޖީ ވުޒާރާ

ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީސް "ވައި.ޓީ.ބީ" ގެ ރައީސް އަބްދުﷲ އެރެން އާ ބައްދަލުކުރެއްވުން

ތުރުކީއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) ޢަބްދުއްރަޙީމް ޢަބްދުއްލަޠީފް ތުރުކީގެ ޓަރކްސް އެބްރޯޑް އެންޑް ރިލޭޓެޑް ކޮމިއުނިޓީޒް (ވައި.ޓީ.ބީ.) ގެ ރައީސް ޢަބްދުﷲ އެރެންއާ މިއަދު ބައްދަލުކުރައްވައިފިއެވެ. އަންކާރާގައި ހުންނަ ވައި.ޓީ.ބީ.ގެ މައި އިދާރާގައި ބޭއްވުނު މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި ތަޢުލީމީ ދާއިރާއިން އޮތް ގުޅުން ރަނގަޅުކޮށް، ތުރުކީގައި ދިވެހިންނަށް ލިބެން ހުރި މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ތުރުކީގައި ލިބެންހުރި ތަޢުލީމީ ފުރުޞަތުތަކުގެ ސިންދަފާތުކަމާއި، ފެންވަރު ރަނގަޅުކަން ފާހަގަކުރައްވައި، ތުރުކީން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ދިވެހި ދަރިވަރުން ޝައުޤުވެރިވާ މިންވަރު އިތުރުވަމުން އަންނަކަން ސަފީރު ފާހަގަކުރައްވާފައިވެއެވެ. އަދި މިހާރު ތުރުކީ ސަރުކާރުން ދެއްވާ ސްކޮލަރޝިޕްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާގުޅޭ ގޮތުންވެސް ސަފީރު ވާހަކަފުޅު ދައްކަވާފައިވެއެވެ. މީގެ އިތުރުން، ކުރިއަށް އޮތް ދިރާސީ އަހަރުގެ ސްކޮލަޝިޕްތަކަށް ކުރިމަތިލާފައިވާ ދިވެހިދަރިވަރުންގެ ޕްލޭސްމަންޓްގެ އިންތިޒާމުތައް އަވަސްކޮށްދެއްވުމަށް ސަފީރު އެދިވަޑައިގެންފައިވެއެވެ. ޢަބްދުﷲ އެރެންގެ ވާހަކަފުޅުގައި، ދިވެހިދަރިވަރުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށާއި، ވައި.ޓީ.ބީ.ގެ ފަރާތުން ދިވެހި ދަރިވަރުންނަށްދޭ މަދަދާއި އެހީތެރިކަން މިހާރަށްވުރެ ރަނގަޅުކޮށް، އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ބައްދަލުވުން ނިންމާލާފައިވަނީ ދިވެހިންނަށް ތުރުކީން ލިބޭ މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމަށާއި މި ދާއިރާއިން އިތުރު މަސައްކަތްތައްކުރުމަށް ދެފަރާތުންވެސް ޔަގީންކަން ދެމުންނެވެ. މިބައްދަލުވުމުގައި ސަފީރު ޢަބްދުއްރަހީމްގެ އަރިހުގައި ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރ ޢަބްދުލްވާރިޘް ސަޢީދާއި، އެޓާޗޭ ޑރ. މުޙައްމަދު އަސްލަމް ބައިވެރިވެވަޑައިގެންނެވިއެވެ.