ތަޢުލީމީ ނިޒާމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް މިދަނީ ކުރަމުން – މިނިސްޓަރ
ރާއްޖޭގެ ތަޢުލީމީ ފެންވަރު މަތިކުރުމަކީ ވަރަށް ގިނަ ކަންތައްތަކާ ގުޅިފައިވާ ކަމެއްކަމަށާއި، ތަޢުލީމީ ވުޒާރާއިން މިދަނީ ވަށާޖެހޭ ގޮތެއްގައި ރާއްޖޭގެ ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕީ.އެސް.އެމް ނިއުސް ގުޅިގެން ގެނެސްދިން "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ތަޢުލީމަށް އިންޤިލާބީ ބަދަލެއް ގެނެއުމަށްޓަކައި މުދައްރިސުން ތަމްރީން ކުރުމުގެ ޤައުމީ ޕްރޮގުރާމެއް ފެށިފައިވާ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި ޕްރޮގްރާމަކީ ގްލޯބަލް ޕާޓްނަޝިޕް ފޮރ އެޑިޔުކޭޝަންގެ މާލީ އެހީއާއެކު މިނިސްޓްރީގައި ގާއިމުކުރެވިފައިވާ "ތަޢުލީމަށް އިންޤިލާބީ ބަދަލު (ތައިބަ)" ޕްރޮޖެކްޓްގެ ދަށުން ހިންގާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމް ކުރިއަށްގެންދަނީ މިނިސްޓްރީ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އަދި ވިލާ ކޮލެޖް ގުޅިގެންނެވެ. މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
މީގެ އިތުރުން, ކަރިކިއުލަމް ރިވައިޒްކޮށް, ކިޔަވައިދޭ ކޮންޓެންޓަށް ގެންނަންޖެހޭ ބަދަލު ގެނެއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި, މިއަހަރުގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް އުނގަންނައިދޭނެ މުދައްރިސުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް ވެސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މި ވޭތުވެދިޔަ ތަނުގައި ތަޢުލީމީ ނިޒާމާއި ގުޅިފައިވާ އެކިއެކި ކަންކަމުގައި ބޮޑެތި މައްސަލަތަށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށާއި، ތަޢުލީމީ ނިޒާމުގައި ހުރި ގޮންޖެހުންތަށް ޙައްލުކޮށް, އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދާކަމަށް މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މީގެ ކުރިންވެސް ފާހަގަ ކުރައްވާފައެވެ.