ބ.ހިތާދޫ ދާއިރާގެ މެންބަރު އަދި ބ. މާޅޮހު ކައުންސިލް މެންބަރުން މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ބައްދަލުކުރައްވައިފި
ބ.ހިތާދޫ ދާއިރާގެ މެންބަރު މުޙައްމަދު ސިރުހާން އަދި ބ. މާޅޮހު ކައުންސިލް މެންބަރުން މިނިސްޓަރ ޠާރިޤް އިބްރާހީމްއާ ބައްދަލުކޮށް، އެ ރަށުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައާއި ޓޫރިޒަމް ޒޯނަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުން ބޭއްވުނީ އިއްޔެ ( 12 މެއި 2025 ) މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް، ގައެވެ. ބައްދަލުވުމުގައި ބ. މާޅޮހުގެ ގޮނޑުދޮށް ގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި، އެ ރަށުގެ ޓޫރިޒަމް ޒޯނަށް ކަރަންޓާއި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް އަވަސްކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރެވިފައެވެ.
މާޅޮހުގެ ގޮނޑުދޮށް ގިރުމަކީ ރަށުގެ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށްވިދާޅުވިއެވެ. އަދި ޓޫރިޒަމް ޒޯނަށް ޔުޓިލިޓީ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ރަށުގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ. މިނިސްޓްރީން މި ކަންކަމަށް އަވަސް ހައްލެއް ހޯދައިދެއްވުމަށް މަސައްކަތްކޮއްދެއްވާނެކަމަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ބ. މާޅޮހު ކައުންސިލްގެ ރައީސް އަދި މެންބަރުންގެ އިތުރުން މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގެ ސަބަބުން ބ. މާޅޮހުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.