ތިމާވެށީގެ ނުރައްކާތެރި ކުނި މެނޭޖްކުރުމާ ގުޅޭ މަސައްކަތު ބައްދަލުވުމެއް މިނިސްޓްރީން ބާއްވައިފި
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ތިމާވެށީގެ ނުރައްކާތެރި ކުނި މެނޭޖްކުރުމާ ގުޅޭ ދެ ދުވަހުގެ މަސައްކަތު ބައްދަލުވުމެއް 2025 ވަނަ އަހަރުގެ މެއި މަހުގެ 12 އާއި 13 އާ ދެމެދު ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ތިމާވެށީގެ ނުރައްކާތެރި ކުނި ދެނެގަތުމާއި އެ ތަކެތި ގިންތިކުރުން، އެފަދަ ތަކެތި ރައްކާތެރިކަމާއެކު ގެންގުޅުމާއި ރައްކާކުރުމާއި އުފުލުން، ޤާނޫނީ އޮނިގަނޑުތަކާއި ބައިނަލްއަޤްވާމީ މުއާހަދާތައް (ބޭސަލް، ސްޓޮކްހޯމް، މިނަމާޓާ)، ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތަކާއި ރިސްކް މެނޭޖްމަންޓް، އަދި ލައިސަންސިންގ، މޮނިޓަރިންގ އަދި ޑޭޓާ އެއްކުރުން ފަދަ ޤައުމީ ފެންވަރުގެ ސްޓްރެޓެޖީތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.
މި މަސައްކަތު ބައްދަލުވުން ބޭއްވިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިންގ އާއި ޔޫއެންޑީޕީ މޯލްޑިވްސްގެ އެހީތެރިކަމާއެކު ހިންގާ "އިމްޕްލިމެންޓިންގ ސަސްޓެއިނަބަލް ލޯ އެންޑް ނޮން-ކެމިކަލް ޑިވެލޮޕްމަންޓް އިން ސިޑްސް (އައިލެންޑްސް) ޕްރޮޖެކްޓް" ގެ ދަށުންނެވެ.
މި މަސައްކަތު ބައްދަލުވުމަކީ ރާއްޖޭގައި ތިމާވެށީގެ ނުރައްކާތެރި ކުނި މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.