އިހަވަންދޫގެ ހިރިގަލު މިސްކިތުގެ މަރާމާތާއި، ރަށުގެ މުހިންމު ބައެއް ތަރިކަތައް ރައްކާތެރިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ހިރިގަލު މިސްކިތާއި އެ މިސްކިތުގައި ހުރި ބައެއް ތަކެތި ރައްކާތެރިކުރާނެ ގޮތްތަކާއި ބެހޭ ގޮތުން އެ ރަށުގެ ކައުންސިލާ މިވުޒާރާއާ ދެމެދު މަޝްވަރާކުރެވިއްޖެއެވެ.
މިއަދު މި ވުޒާރާގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ވުޒާރާގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ. މި ބައްދަލުވުމުގައި އެ ދާއިރާގެ މަޖްލިސް މެމްބަރު އަޙްމަދު ނަޞީރު ވެސް ބައިވެރިވެވަޑައިގަތެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގައި ހުރި ހިރިގަލު މިސްކިތާއި އެ މިސްކިތުގައި ހުރި އަތުން ލިޔެފައިވާ މުސްޙަފްތައް މުސްތަޤުބަލަށް ޓަކައި ރައްކައު ކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ވަޒީރާ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށް ޓަކައި ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްސަ ސަމާލުކަމުގެ ތެރޭގައި ރާއްޖޭގެ މުހިންމު ހުރިހައި ތަރިކައަށް ސަމާލުކަން ދެވޭނެކަމަށެވެ.
އިހަވަންދޫގެ ހިރިގަލުގެ މިސްކިތް ރައްކާތެރިކުރުމުގެ މަސައްކަތްތަކީ ވެސް މި ވުޒާރާއިން އިސްކަންދޭނެ މުހިންމު ތަރިކައިގެ މަސައްކަތެއް ކަމަށެވެ.
މި މިސްކިތަކީ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނުމަށް މަސައްކަތްކުރެވޭ މިސްކިތެކެވެ. އާސާރީ އެހެން މިސްކިތްތަކާ ޚިލާފަށް މި މިސްކިތުގެ މުންނާރުގައި މައްޗަށް އެރޭ ގޮތަށް އެޅިގަލުން ސިޑިއެއް ހުރެއެވެ. މި މިސްކިތަކީ 300 އަށް ވުރެ ގިނަ އަހަރުވީ ދުވަސްވީ އާސާރެކެވެ.