މޯލްޑިވިސް 2.0 ޑިޖިޓަލް ޓްރާންސްފޯރމޭޝަންގައި މިނިސްޓަރ ޑރ. ހައިދަރު ބައިވެރިވެވޑައިގަންނަވައިފި
" މޯލްޑިވިސް 2.0-ޑިޖިޓަލް ޓްރާންސްފޯރމޭޝަން"ގެ ނަމުގައި ބޭއްވި ކޮންފެރެންސްގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.
ބާސެލޯ ނަސަންދުރާގައި ބޭއްވުނު މި ކޮންފެރެންސަކީ ދަޢުލަތުގެ އެކި މުވައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެ، ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ދިވެހިރާއްޖޭގެ މުސްތަޤްބަލް ބިނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ކޮންފެރެންސްއެކެވެ. އެގޮތުން، މަތީ ތަޢުލީމީ ދާއިރާގެ ކުރިއެރުވުމަށް، ސްމާޓް ކްލާސް ރޫމްތަށް ފަދަ އެކި ޑިޖިޓަލް ވަސީލަތްތަށް ބޭނުންކޮށް، މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދިޔުމަށް ކަނޑއަޅާފައިވާ މަސައްކަތްތަށް ވަނީ މި ކޮންފެރެންސްގައި ހިއްސާކުރެވިފައެވެ.
"މޯލްޑިވިސް 2.0" އަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ސަރުކާރުން ރައްޔިތުންނަށް ފޯރުކޮއްދޭ ޚިދުމަތްތަށް ކުރިއެރުވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ތަސައްވުރެވެ.