ފެމިލީ ކާނިވަލް އަށް ބޮޑު ތަރުޙީބެއް!
"އުފާވެރި ވަގުތު، އުފާވެރި ގުޅުން، އުފާވެރި ކުދިން" މިޝިޢާރުގެ ދަށުން 10 މެއި ވީ ހޮނިހިރު ދުވަހު ބޭއްވުނު "ފެމިލީ ކާނިވަލް' އަށް ވަރަށް ބޮޑު ތަރުޙީބެއް ލިބިއްޖެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެޗްޑީސީ އަދި އުރީދޫ ގުޅިގެން ކުރިއަށް ގެންދެވުނު މި ކާނިވަލްގެ ހަވީރުގެ ދަންފަޅި ކުރިއަށް ގެންގޮސްފައިވަނީ 10 މެއިގެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާލެ ފޭސް 2 ހިޔާ ޕާކުގައެވެ. މިގޮތުން ތަފާތު ގޭމް ސްޓޯލްތަކާއި، ބައުންސިންގް ކާސަލްއާއި ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް މި ހަވީރުގައި ކުރިއަށް ގެންގޮސްފައިވެއެވެ. އެއާއެކު، ފޯމް ޕާޓީއާއި ރޮބޮމޭންގެ ޚާއްސަ ޕަރފޯމަންސެއްވެސް ކުރިއަށް ގެންދެވުނެވެ.
އެއާއެކު، މި ކާނިވަލުގައި ވަނީ ކޭކް ފެޅުމުގެ ޚާއްސަ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ. މިގޮތުން ކޭކް ފަޅުއްވައިދެއްވާފައިވަނީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް އަދި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ މަރުރޫފް ޖަމީލްއެވެ. އަދި ކޭކް ފެޅުމުގެ ހަރަކާތަށް ފަހު އެބޭފުޅުންވަނީ ސްޓޯލަތަކަކަށް ޒިޔާރަތްކުރައްވާފައެވެ.
ހަމައެހެންމެ، މި ކާނިވަލުގެ ރޭގަނޑުގެ ދަންފަޅީގައި 20:00 އިން 22:00 އަށް، ކުޑަކުދިންގެ ދުވަހާއި ގުޅިގެން ބާއްވާ ޚާއްސަ މޫވީ ނައިޓެއްވެސް ހުޅުމާލޭ ފޭސް -2 ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކުދިންނާއި ޢާއިލާތަކަށް ޚާއްސަކޮށްގެން ބާއްވާ މި މޫވީނައިޓަކީ އުރީދޫއާއި މިނިސްޓްރީއާއި ގުޅިގެން އިންތިޒާމުކޮށްފައިވާ ހަރަކާތެކެވެ. މިގޮތުން މި މޫވީ ނައިޓްގައި ބެލުމަށް ހަމަޖެހިފައިވާ ފިލްމަކީ "ދަ ވައިލްޑް ރޮބޮޓް" އެވެ.
ގިނަ އަދަދެއްގެ ޢާއިލާތަކާއި ކުޑަކުދިން މިއަދު މި ކާނިވަލުގެ ދުވާލުގެ ދަންފަޅީގައި ބައިވެރިވެފައިވާއިރު، މި ހަރަކާތަކީ ޢާއިލީ މާޙައުލެއްގައި އުފާވެރި، މަޖާ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބިގެން ދިޔަ ފަހި ފުރުޞަތެކެވެ. އުންމީދަކީ ކުޑަކުދިންގެ ހައްޤުތައް ހިމާޔަތްކޮށް، އެކުދިންނަށް ރައްކާތެރި، އުފާވެރި މުޖުތަމަޢެއް ބިނާކުރުމަށް އެންމެހައި ފަރާތްތަކުން ގުޅިގެން ކުރެވޭ މަސައްކަތުގައި ބަރަކާތް ލެއްވުމެވެ.