logo
banner image

ސްޕެއިންގައި ކިޔަވަމުންދާ ދަރިވަރުންނާއި މިނިސްޓަރ ޑރ.ހައިދަރު ބައްދަލުކުރައްވައިފި

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު،ޑރ.ޢަލީ ހައިދަރު ވަނީ ސްޕެއިންގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ ބައެއް ދަރިވަރުންނާއި އޮންލައިންކޮށް ބައްދަކުރައްވައިފައެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދުމަށް ދޫކުރާ ލޯނުގެ ދަށުން، ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓްކަން ކިޔަވަމުންދާ ބައެއް ދަރިވަރުން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ދަރިވަރުންނަށް މިނިސްޓަރާއި މިނިސްޓްރީގެ އިސް ބޭފުޅުންނާއި މުޙާތަބުކޮށް، ދަރިވަރުންގެ ކަންބޮޑުވުންތަށް ޙިއްސާކުރުމުގެ ފުރުޞަތު ފަހިކޮއްދިނުމެވެ. އެގޮތުން، މިނިސްޓަރ ޑރ.ހައިދަރު ވަނީ ދަރިވަރުންގެ ކަންބޮޑުވުންތަށް ސަފްޞީލުކޮށް އަޑުއައްސަވައި، ދަރިވަރުންގެ ބައެއް ކަންބޮޑުވުންތަކަށް ޙައްލު ހޯދައިދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މިފަދަ ބައްދަލުވުންތަކަކީ ދިވެހިރާއްޖެ އިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނަށް ދިމާވާ އެކި މައްސަލަތަކަށް ޙައްލު ހޯދައިދިނުމުގެ އިތުރުން ދަރިވަރުންނަށް ބޭނުންވާ އެހީ އާއި އެއްބާރުލުން މިނިސްޓްރީގެ ފަރާތުން ފޯރުކޮއްދިނުމަށް އަމާޒުކޮށް ބޭއްވޭ ބައްދަލުވުންތެކެވެ. އެގޮތުން، މޫސުމަށް އަންނަ ބަދަލުތަށް ފަދަ ދަރިވަރުންގެ އިޚްތިޔާރުން ބޭރުން ދިމާވާ މައްސަލަތަކުގެ ސަބަބުން ޕައިލެޓްކަން ކިޔަވާ ދަރިވަރުންގެ ކޯހުގެ މުއްދަތު ދިގުލާ ދިޔުމާއި ގުޅިގެން ދިމާވާ މާލީ ދަތިތަކާއި ގުޅިގެން ވަނީ މަޝްވަރާކުރެވިފައެވެ.

މި ބައްދަލުވުމުގައި، މިނިސްޓަރ ޑރ. ޢަލީ ހައިދަރުގެ އިތުރުން ސްޓޭޓް މިނިސްޓަރ، ޑރ. އަބްދުޢްރަހީމް ހަސަން، ޑެޕިއުޓީ މިނިސްޓަރ އައިމިނަތު ނަދާ މުޙައްމަދު، ޑައިރެކްޓަރ ޖެނެރަލް، މަރްޔަމް މުޙައްމަދު އަދި ސްޓޫޑަންޓް ލޯނު ސެކްޝަންގެ ޑައިރެކްޓަރ، ފާތިމަތު ޝިނާން ވަނީ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.