logo
banner image

އިންޑޯ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފި

މާލޭ ހޭންޑްބޯޅަ ސްޓޭޑިއަމްގައި ގާއިމްކޮށްފައިވާ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އިންޑޯ ހޭންޑްބޯޅަ ކޯޓުގެ އަމަލީ މަސައްކަތް ފެށުމާ ގުޅޭ މަޢުލޫމާތު ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ދެއްވީ ދާދިފަހުން ޤައުމީ ބީޗް ހޭންޑްބޯޅަ ޓީމަށް ޖާޒީ ހަވާލުކުރުމަށް އޮތް ރަސްމިއްޔާތުގައެވެ.

ވަޒީރު ވިދާޅުވީ އިންޑޯ ހޭންޑްބޯލް ކޯޓެއް ނެތުމާ ގުޅިގެން ހޭންޑްބޯޅަ ކުޅޭ ކުޅުންތެރިންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށާއި، އެހެންނަމަވެސް މިއަހަރު ނިމޭއިރު ކޯޓު ހިޔާކޮށް ބޭނުންކުރެވޭވަރުވާނެކަމަށެވެ.

ވަޒީރު ރާފިޢު ވިދާޅުވީ ހޭންޑްބޯލް ކޮމިއުނިޓީން ފާއިތުވި އަހަރުތަކުގައި އެންމެ ބޮޑަށް ބޭނުންވީ ހޭންޑް ބޯލް ކޯޓު ހިޔާކުރެވޭނެ ގޮތެއްވުންކަމަށާއި، އެކަމަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭ ރާއްޖެ ގެނެސް ނިމޭނެ ކަމަށެވެ. އެކަމަށް ހޭދަވާ ފައިސާގެ ތެރެއިން މިނިސްޓްރީން ހަމަޖައްސަންޖެހޭ ބައި މިހާރު ހަމަޖެހިފައިވާކަމަށެވެ.

އިންޑޯ ހޭންޑް ބޯލް ކޯޓަށް ބޭނުންވާ ސާމާނު ކުރިޔަށް އޮތް ދެ ހަފްތާތެރޭގައި ރާއްޖެއަށް ލިބޭނެ ކަމަށް ހޭންޑްބޯލް މޯލްޑިވްސް އިން ލަފާކުރާއިރު އެ އެސޯސިއޭޝަނުގެ ރައީސް އަހުމަދު މުޖުތަބާ (މުޖޭ) ވިދާޅުވީ މިއީ ރާއްޖޭގެ އިންޑޯ ހޭންޑްބޯޅައިގެ ކުރިއެރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށެވެ.

މިހާރު ބޭނުންކުރާ ހޭންޑްބޯޅަ ކޯޓަކީ 2021 ވަނަ އަހަރު އެޅި ކޯޓެކެވެ. އެތަން ހިޔާނުކޮށް އޮތުމުގެ ސަބަބުން ވިއްސާރަ އާއި އަވީގެ ސަބަބުން މެޗުތައް ކުރިޔަށް ގެންދިއުމަށް ދަތިވާ ވާހަކައަކީ އަބަދުވެސް ހޭންޑްބޯޅަ ކުޅުންތެރިންނާއި ކޯޗުން ފާހަގަ ކުރަމުން އައި ކަމެކެވެ.