ނ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައިފި
ނ އަތޮޅު މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ފަށައފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅުތަކާއި އެއްގޮތަށް މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ތެރެއިން ނ. ހެނބަދޫ، ކުޑަފަރީ، މާޅެންދޫ، ލަންދޫ، ޅޮހި، ފޮއްދޫ، އަދި މަގޫދޫގައި ވެސް ވަނީ މި ޚިދުމަތް ފަށާފައެވެ. އަލަށް ޚިދުމަތް ފެށުނު ހަތް ރަށާއެކު ނ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުންވެސް ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. މިއީ އޭޓީއެމްގެ ޚިދުމަތް ފުރިހަމަ ކުރެވުނު ތިންވަނަ އަތޮޅެވެ.
އޭޓީއެމްތައް އިފްތިތާހު ކުރުމުގެ ރަސްމިޔާތުގައި ޢިޤްތިޞާދީ ތަރައްޤިއާއި ވިޔަފާރިޔާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ރަޢީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު މުޅި ރާއްޖެއަށް ބޭންކު އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމަށް ވެފައިވާ ވަޢުދު މިހާ ކުރުމުއްދަތެއްގައި ފުއްދަވަމުން ގެންދަވާކަން ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އިތުރަށް ވިދާޅުވީ ގިނަ ރަށްރަށުގެ ރައްޔިތުންގެ އެދުމަކީ، އެ ރަށްރަށުގައި ދިމާވެފައިވާ ދަތިތަކުގެ ތެރެއިން، ފައިސާގެ މުޢާމަލާތްތައް ފަސޭހައިން ކުރެވޭނެ ގޮތް ހަމަޖައްސައިދިނުންކަމުގައެވެ. ކިތަންމެ ކުޑަރަށެއްގައި އޭޓީއެމްއެއް ބެހެއްޓި ނަމަވެސް އެ ޚިދުމަތެއް ލިބެން ހުރުމުން ރައްޔިތުން އެ ޚިދުމަތް ބޭނުންކުރައްވާކަން ހާމަވެގެންދާކަން ވަޒީރު ސަޢީދު ފާހަގަކުރެއްވިއެވެ.
2025 ގެ ނިޔަލަށް ބީއެމްއެލް އިން ބަހައްޓާ 103 އޭޓީއެމްގެ އިތުރަށް މޯލްޑިވްސް އިސްލާމިކް ބޭންކް އިންވެސް 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ޑިސެމްބަރ 2025 ގެ ނިޔަލަށް މިމަޝްރޫޢުގެ ދަށުން ޖުމްލަ 122 އޭޓީއެމް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.