logo
banner image

ބަންކަރިންގެ ޚިދުމަތް ނުހުއްޓޭ، އުތުރުގައި ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވަޒީރު ސަޢީދު ވިދާޅުވެއްޖެ

ރާއްޖޭގައި ދެމުންގެންދާ ބަންކަރިންގެ ޚިދުމަތް ނުހުއްޓި ކުރިއަށްދާ ކަމަށާއި، މި ޚިދުމަތް އިތުރަށް ފުޅާކުރުމަށްޓަކައި އުތުރުގައި ޚާއްޞަ ޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމަކީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.

ބަންކަރިންގެ ޚިދުމަތާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ސަޢީދު ވިދާޅުވީ، މި ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން އިންޓަރނޭޝަނަލް ބަންކަރިންގއާ ބެހޭ ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ބަންކަރިންގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ލިބޭނެ މަގު ފަހިކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. 

ރާއްޖޭގައި ބަންކަރިންގެ ޚިދުމަތް ފެށިފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މި ޚިދުމަތް ދެނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބައިނަލްއަޤްވާމީ ކުންފުންޏެއް ކަމަށްވާ ވިޓޯލްއާ ގުޅިގެންނެވެ.