logo
banner image

ލ. ހިތަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

ހައްދުންމަތީ ހިތަދޫގައި ޤާއިމްކުރަން ނިންމާފައިވާ ހޭންޑްބޯޅަ ކޯޓު އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ލ. ހިތަދޫގައި ހޭންޑްބޯޅަ ކޯޓު އެޅުމުގެ މަސައްކަތް ބްރިލިއަންޓް ކޮމްޕެނީއާ ހަވާލުކުރީ 2023ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ. ނަމަވެސް ސަރުކާރު ބަދަލުވިއިރުވެސް މި މަސައްކަތް ފަށާފައިނުވެއެވެ.

1.3 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ހޭންޑްބޯޅަ ކޯޓު އަޅާ ބިން ސާފުކޮށް ފެންސްގައި ހަރުކުރާ ދަނޑަނޑުތަކުގެ މަސައްކަތްވަނީ ނިންމާފައެވެ. މި މަސައްކަތުގެ އަމަލީ މަސައްކަތް ނުފެށި ލަސްވި މައިގަނޑު ސަބަބަކީ ކޯޓު އަޅާ ސަރަހައްދު ސާފުކުރުމަށް ވަގުތު ބޭނުންވުމެވެ.

މިވަގުތު ރާއްޖޭގައި ބާރު ސްޕީޑުގައި ކުރިއަރަމުން އަންނަ އެއް ކުޅިވަރުކަމަށްވާ ހޭންޑްބޯޅައިގެ ގިނަ ހަރަކާތްތަކެއް ލ. އަތޮޅުގައިވެސް ކުރިއަށްދެއެވެ. މިގޮތުން އެ އަތޮޅުގެ ސްކޫލްތަކުގެ މެދުގައި ބާއްވާ އިންޓަ ސްކޫލް މުބާރާތާއި، އާންމުންނަށް ހުޅުވާލައިގެން ހޭންޑްބޯޅަ މުބާރާތްތައްވެސް ކުރިއަށްދެއެވެ.

ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި ކޯޓުގެ މަސައްކަތް ނިންމައި، މި އަތޮޅުގައި ހޭންޑްބޯޅަ ފުޅާކުރުމަށް އިތުރު ފުރުސަތުތައް މަގުފަހިކޮށްދިނުމެވެ.