logo
banner image

ޑރ. މުފްލިޙާ: މުޖްތަމަޢު ބޭނުންވާފަދަ ހީވާގި ކަނބަލެއް

ޑރ. ފާތިމަތު މުފްލިޙާއަކީ ފާއިތުވި 15 އަހަރު ޞިއްޙީ ދާއިރާގައި މަސައްކަތްކޮށް, އަދި މިހާރުވެސް މަސައްކަތް ކުރައްވަމުން އަންނަ ސީޓީ، އެމްއާރްއައި، އަލްޓްރާ ސައުންޑް ފަދަ އިމޭޖިން މޮޑާނިޓީސް ބޭނުންކޮށްގެން ބަލި ދެނެގަތުމަށް ޚާއްސަ ވެގެންވާ ޑޮކްޓަރެކެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކޮންސަލްޓެންޓް އިން ރޭޑިޔޮލޮޖީގެ އިތުރުން ޑރ. މުފްލިޙާއަކީ، ރޭޑިޔޮލޮޖީ ސޮސައިޓީ އޮފް މޯލްޑިވްސްގެ ފައުންޑަރ މެމްބަރެެއް ވެސް މެއެވެ. އަދި ޑރ. މުފްލިޙާ ގެންދަވަނީ، އެ ސޮސައިޓީގެ ވައިސް ޕްރެޒިޑެންޓްގެ މަޤާމުވެސް ފުރުއްވަމުންނެވެ.

ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ޑރ. މުފްލިޙާ އަކީ ޑޮކްޓަރީ ފަރުވާ ދިނުމުގެ އިތުރުން މުޖުތަމަޢުގައި ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރަމުން އަންނަ ފަރާތެކެވެ. މިގޮތުން މީސްމިޑިޔާ، ޓީވީ އަދި ރޭޑިޔޯ މެދުވެރިކޮށް ސިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ގިނަގުނަ ސެޝަންތައް ގެނެސްދެއްވާފައިވެއެވެ.

މީގެ އިތުރުން، މީސްމީޑިއާގައި، ޞިއްޙީ އެކިއެކި މައުޟޫޢުތަކަށް އާޓިކަލް ޕަބްލިޝްކުރުމުގެ އިތުރުން، ޓީވީ ޗެނެލްތަކާއި ގުޅިގެން ކުޑަކުދިންނަށް ޚާއްސަ ޞިއްޙީ މަޢުލޫމާތު ޕްރޮކްރާމްތައްވެސް ޑރ.މުފްލިހާ ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަމައެހެންމެ، ޒުވާނުންގެ މެދުގައި މަޤުބޫލު އެއް ސޯޝަލް މީޑިއާ ޕްލެޓްފޯމްކަމުގައިވާ "ޓިކްޓޮކް" ގައިވެސް ޑރ. މުފްލިހާ ދަނީ ވަރުބަލިކަމެއްނެތި ނެތި، ޞިއްޙީ އެކިއެކި ދާއިރާތަކަށް މީހުން ޝައުޤުވެރިވާފަދަ ކޮންޓެންޓް ތައްޔާރުކުރަމުންނެވެ.

2022 ވަނަ އަހަރު ރެހެންދި އެވޯޑު ޙާސިލް ކުރެއްވި ޑރ. ފާތިމަތު މުފްލިޙާ އަކީ މަސައްކަތުގެ މާޙައުލުގައްޔާއި ދިރިއުޅުމުގެ މައިދާނުގައިވެސް އަންހެނުން ބާރުވެރިކުރުމަށް ވަކާލާތު ކުރައްވަވަމުން ގެންދަވާ އަދި ކުރައްވަވާ މަސައްކަތްތަކުން އަމަލީ ގޮތުން މިކަން ދައްކުވައިދެއްވަވަމުން ގެންދަވާ ހީވާގި ކަނބަލެކެވެ.