އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކުރެވިގެން ހިންގާ މަރުކަޒެއް: ޑެޕިއުޓީ މިނިސްޓަރ ލަހުފާ
މާލޭގައި ޤާއިމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އަމާޒުކުރެވިގެން ހިންގާ މަރުކަޒެއް ކަމުގައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރ މަރިޔަމް ލަހުފާ ޙަލީލް ވިދާޅުވެއްޖެއެވެ.
ސަންގުޓީވީ ގެ "ފުރަމެންދުރު" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވިދާޅުވީ، އިސްރަށްވެހިންގެ ނާދީއަކީ، އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ޚާއްސަ ހަރަކާތްތަކެއް ރާވައި ހިންގުމުގެ ނިޒާމެއް ޤާއިމުކުރެވިފައިވާ މަރުކަރެއް ކަމުގައެވެ.
މިގޮތުން، އިސްރަށްވެހިންގެ ނާދީގައި ހިންގާ ބައެއް ހަރަކާތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހިއްސާކުރައްވަމުން، ޑެޕިއުޓީ މިނިސްޓަރ ވިދާޅުވީ، އިސްރަށްވެހިންނަށް ޚާއްސަކުރެވިގެން ނާދީގައި ލުއި ކަސްރަތު ޕްރޮގްރާމްތަކާއި، ނަފްސާނީ ދުޅަހެޔޮކަމަށް އަމާޒުކުރެވިގެން، މަޢުލޫމާތު ދިނުމުގެ ސެޝަންތަކާއި، އިޖުތިމާޢީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ތަފާތު އެކި ކަހަލަ ޕްރޮގްރާމްތައްވެސް ހިންގޭކަމަށެވެ.
މާލެ ސަރަހައްދުގައި ޤާއިމުކޮށްފައިވާ ނާދީގައި އިސްރަށްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހިންގާ ތަފާތު ހަރަކާތްތަކާއެކު އެތަނަކީ މިހާރު ގިނަ އަދަދެއްގެ އިސްރަށްވެހިން ޚިދުމަތް ހޯދަމުންދާ މުހިންމު މަރުކަޒެއްކަން ފާހަގަކޮށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވެފައިވަނީ، ވޭތުވެދިޔަ އެއް އަހަރުގެ ތެރޭގައި ނާދީއަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދުދު އިތުރުވަމުންދާކަމަށެވެ. އަދި އެތަނުގައި ހިންގޭ ހަރަކާތްތަކުގެ ސަބަބުންނާއި އެ މާހައުލުގެ ސަބަބުން އިސްރައްވެހިންގެ އިޖުތިމާޢީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ވަރަށް ރަނގަޅު އެކަށިގެންވާ ބަދަލުތަކެއް އަންނަކަން ފާހަގަކުރެވޭކަމަށް ވެސް ޑެޕިއުޓީ މިނިސްޓަރ ލަހުފާ ވަނީ ފާހަގަކުރައްވާފައެވެ.
އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދާ ހަރަކާތްތަކަކީ 55 އަހަރުން މަތީގެ ކޮންމެ ބޭފުޅަކަށް ވެސް ބައިވެރިވުމުގެ ފުރުޞަރު ހުޅުވިފައިވާ ހަރަކާތްތަކެވެ. އެގޮތުން އިސްރަށްވެހިންގެ ނާދީއަށް ވަޑައިގެން މި ޕްރޮގްރާމުތަކުގައި ކޮންމެ ބޭފުޅަކަށްވެސް ބައިވެރިވެވޭނެއެވެ.