logo
banner image

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި އެމް.ޓީ.ސީ.ސީ އާއި ބައްދަލުކޮށްފި

ޚާއްސަ އެހީއަށް ބޭނުންވާ، ވަޒީފާ އަދާކުރަން ޝައުގުވެރިވާ ފަރާތްތަކަށް ދަޢުލަތުގެ ތެރެއިން ވަޒީފާ ޔަގީންކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާއި އެއްގޮތްވާގޮތުގެ މަތިން މި ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ފަޤީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ހަމަޖެއްސުމާ ގުޅޭ ގޮތުން އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގެ ކޮންޕެނީ (އެމް.ޓީ.ސީ.ސީ) އާއި ދެމެދު ވަނީ މަޝްވަރާކުރެވިފައެވެ.

މި ކަމަށްޓަކައި މިއަދު ބޭއްވި ބައްދަލުވުމުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހެން މީހުންނެކޭ އެއްފަދައިން ވަޒީފާ އަދާކުރުމުގެ ފުރުޞަތާއި، ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރުޞަތުތައް ލިބިދިނުމުގެ ހައްޤު ލިއްބައިދިނުމަށްޓަކައި، އެކަމަށް މަގުފަހިކޮށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި ހައްޤު ކަށަވަރުކުރުމަށް އެމް.ޓީ.ސީ.ސީއާއި ގުޅިގެން ކުރެވެން ހުރި ކަންކަމާއި ގުޅޭގޮތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

އޭގެ އިތުރުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ 'ހާލު ކިހިނެއް؟' ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ޢާއިލާތަކުގެ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއި، ޒަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިވާ ޢާއިލާތަކުގެ ހާލަތު ރަނގަޅުކުރުމާއެކު، އިޖުތިމާޢީ ދުޅަހެޔޮކަމަށް ކުރެވޭ މަސައްކަތްތައް ގުޅިގެން ކުރުމަށް އެމް.ޓީ.ސީ.ސީއިން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އަދި ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް ދެއްވާފައެވެ.