ގްލޯބަލް ގަވަރމަންޓް ސަމިޓްގައި މިނިސްޓަރ ޑރ. ޢަލީ ހައިދަރު ޚިތާބުދެއްވައިފި
"ގްލޯބަލް ގަވަރމަންޓް ސަމިޓް: އަ ސްޓެޕް ޓުވަރޑްސް ސޯޝަލް އިނޮވޭޝަން" ގެ ނަމުގައި ލަކްސްއެމްބާރގްގައި ކުރިއަށްދިޔަ ސަމިޓްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ޚިތާބު ދެއްވަވައިފައެވެ.
މި ޚިތާބުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ފަރާތުން އިޖުތިމާޢީ އުފެއްދުންތެރިކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައެވެ. އަދި މި މަސައްކަތްތައް ކާމިޔާބުކަމާއިއެކު ފުރިހަމަކުރުމުގައި، ބައިނަލްއަޤްވާމީ އެކިއެކި މުއައްސަސާތަކާއި ޖަމްޢިއްޔާތަކުގެ އެހީތެރިކަމާއި އެއްބާރުލުމުގެ މުހިންމުކަން އެމަނިކުފާނު ވަނީ ޚާއްޞަ ގޮތެއްގައި ފާހަގަކުރައްވާފައެވެ.
ލަކްސްއެމްބަރގްގައި ކުރިއަށްދިޔަ ދެ ދުވަހުގެ މި ސަމިޓަކީ ބައިނަލްއަޤްވާމީ ފެންވަރުގައި އުފެއްދުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ބޭއްވުނު ސަމިޓެކެވެ. އެގޮތުން، މި ސަމިޓްގައި، ޔޫއެންގެ އޭޖެންސީތަކާއި، އެންޖީއޯތަކުގެ އިތުރުން ޖުމްލަ 65 ޤައުމެއްގެ ސަރުކާރަށް ނިސްބަތްވާ ބޭފުޅުން ވަނީ މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.