ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ޤާޢިމުކުރަނީ
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާގެ ފަރާތުން ދިވެހިރާއްޖޭގެ އެކި ސަރަޙައްދު ތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެރެއިން ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އިމާރާތް ކުރުމަށް ހަމަޖެހިފައިވާއިރު، ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުޅުދުއްފުށީގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ޙަވާލުކުރެވިފައެވެ. އަދި ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާޢިމުކުރުމުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރެވިފައެވެ.
މިފަދަ މަޝްރުޢޫތަކުގެ ސަބަބުން، ރަޢީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެގޮތަށް، ދަނާލުގެ ޚިދުމަތާއެކު ތަރައްޤީ ކުރެވޭ މިފަދަ އިންސްޓިޓިއުޓަކުން ރަށުން ބޭރުން އަންނަ ދަރިވަރުންނަށް އަތޮޅުތެރޭގައި ތިބެގެން ފަސޭހަކަމާއެކު، ފެންވަރު ރަގަޅު ޓެކްނިކަލް ޓްރެއިނިންގ އަދި މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިވެގެންދާނެއެވެ.