logo
banner image

މި ދައުރުގެ ތެރޭގައި ޙައްޖުގެ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވެއްޖެ

ދިވެހިރާއްޖެއިން ޙައްޖަށްދާ ފަރާތްތަކުން ދައްކަމުން ގެންދާ އަގު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށާއި، މި ދައުރުގެ ތެރޭގައި އަގު ކުޑަކުރެވޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

"އަހާ ފޯރަމް"ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ޙައްޖުގެ އަގު ތިރިކުރުމަށް ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަނުން ހާއްސަ ތަސައްވުރެއް އެކުލަވާލައިގެން ކުރިއަށް ގެންދަމުންދާ ކަމަށާއި، މި ދައުރުގެ ތެރޭޣައި ޙައްޖުގެ އަގު ކުޑަކުރެވިގެންދާނެކަމަށެވެ.

ދިވެހިރާއްޖޭގެ ޙައްޖު ކޯޕަރޭޝަންގެ ކަންކަން ހަރުދަނާކޮށް ދައުލަތުގެ ޙައްޖު ކުންފުންޏަކީ އާއްމުންގެ އިތުބާރު ލިބިފައިވާ ކުންފުންޏަކަށް ހެދުމަށާއި، ދިވެހިންނަށް ދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މިހާތަނަށްވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.