logo
banner image
ޚާރިޖީ ވުޒާރާ

ސަޢޫދީ ޢަރަބިއްޔާގެ އިމުގެތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ބުނެ އިސްރާއީލުގެ ބޮޑު ވަޒީރު ދެއްކެވި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

9 ފެބުރުއަރީ 2025

ސަޢޫދީ ޢަރަބިއްޔާގެ އިމުގެތެރޭގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމަށް ގޮވާލައި، އެއްވެސް އަސާސެއްނެތި އިސްރާއީލުގެ ބޮޑުވަޒީރު ދައްކަވާފައިވާ ވާހަކަތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއިން ކުރާ ތާޢީދު އަބަދުވެސް ދެމިއޮންނާނޭކަމުގެ ޔަޤީންކަން އަރުވައި ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ސަލާމަތާއި އިސްތިޤްލާލަށް ނުރައްކާވާފަދަ ވާހަކަތައް ދިވެހިރާއްޖެއިން ކުއްވެރިކުރަމެވެ. އަދި މިފަދަ ގޮވާލުންތަކަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޗާޓަރާއި މުޅިން ހިލާފު ވާހަކަތަކެއްކަން ފާހަގަކުރަމެވެ.

މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ޞުލްޙަވެރި ޙައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެގޮތުގައި ފަލަސްޠީނުގެ ދައުލަތް ޤާއިމުކުރެވުމުންކަމުގައި ދިވެހި ސަރުކާރުން ޤަބޫލުކުރަމެވެ. އަދި ސަރަޙައްދީ ހަމަޖެހުމަށް ބުރޫއަރާފަދަ ބަސްތައް ބުނުމާއި އަމަލުތައް ހުއްޓުވުމަށް އެޅެންހުރި އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮވާލަމެވެ.

މިފަދަ އަސާސެއް ނެތް ވާހަކަތަކަކީ ހަމައެކަނި ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތަށް އުނިކަން ލިބޭ ވާހަކަތަކެއް ނޫންކަމަށާއި މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށްވެސް އުނިކަންލިބޭ ވާހަކަތަކެއްކަމަށް ދިވެހި ސަރުކާރުން ދެކެމެވެ.