ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ގޮވާލާ ގޮވާލުން ތަކުރާރުކޮށްފި
6 ފެބުރުއަރީ 2025
ބައިނަލްއަޤްވާމީ ޤާނޫނާއި އދ.ގެ ޤަރާރުތަކާ އެއްގޮތްވާ ގޮތުގެމަތިން، 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށްކަމުގައި ކަނޑައަޅައި، ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖެއިން ކުރާ ތާއީދު ތަކުރާރުކޮށް އެކަމަށް ގޮވާލަމެވެ. އަދި އދ.ގައި ފަލަސްތީނަށް ފުރިހަމަ މެމްބަރުކަން ދިނުމަށް ދިވެހިރާއްޖެއިން ތާއީދުކުރާކަން ވެސް ތަކުރާރުކުރަމެވެ.
ފަލަސްޠީނުގެ ބިންތަކުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް އާބާދީތައް ޤާއިމުކުރުމާއި ފަލަސްޠީނުގެ ބިންތައް ހިފުމާއި ޣައްޒާއިން ފަލަސްޠީނުގެ ރައްޔިތުން ނެރުމަށް ކުރާ އެންމެހާ މަސައްކަތްތައް ދިވެހިރާއްޖެއިން ކުށްވެރިކުރަމެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތައް ނެގެހެއްޓުމަށާއި ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަށް ކަށަވަރުކޮށްދިނުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ދިވެހިރާއްޖެއިން ގޮވާލަމެވެ. އަދި މި މައްސަލައަށް ދާއިމީ ނިމުމެއް އަންނާނީ ޞުލްޙައިގެ މަޝްވަރާގެތެރެއިން މިނިވަން ދެ ދައުލަތް ޤާއިމުކުރެވިގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރަމެވެ.