logo
banner image
ޚާރިޖީ ވުޒާރާ

ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިނިސްޓަރ އޮފް ފޮރިން އެފެއާޒްއާ ބައްދަލުކުރައްވައިފި

04 ފެބްރުއަރީ 2025

ޖަޕާން އިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ރުމީކޯ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑރ. އަބްދުﷲ ޚަލީލްގެ އަރިހަށް މިއަދު އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި.

‎މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވުނު ބައްދަލުވުމުގައި ޖަޕާން އިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަށް މިނިސްޓަރު މަރުޙަބާ ދެންނެވިއެވެ. އަދި ދިވެހިރާއްޖެއާއި ޖަޕާންއާ ދެމެދު އޮތް ޒަމާންވީ ގާތް ރަހްމަތްތެރިކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްޤީއަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކާއި، ޚާއްޞަކޮށް ކާރިސާތައް މެނޭޖްކުރުމާއި، އުމްރާނީ ތަރައްޤީއާއި، ތަޢުލީމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ޖަޕާނުން ވެދެއްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކަށް މިނިސްޓަރ ވަނީ ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ފަރާތުން އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޖަޕާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ދެއްވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ކުރިއަށް ގެންދިޔުމުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާ އެކު މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

މި ބައްދަލުވުމުގައި މިނިސްޓަރުގެ އަރިހުގައި ފޮރިން ސެެކްރެޓަރީ ފާތިމަތު އިނާޔާ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްޞަމަދު، ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދު، އެޑިޝަނަލް ސެކްރެޓަރީ އަމީން ޖާވިދު ފައިޒަލް އަދި އެސިސްޓަންޓް ޑިރެކްޓަރ މުޙައްމަދު ޝުޖާޢު ބައިވެރިވެވަޑައިގެންނެވިއެވެ.