ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު މުހިންމު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން، ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ މެންބަރުންނާއެކު މުހިންމު މަޝްވަރާގެ ބައްދަލުވުމެއް ބާއްވައިފިއެވެ. މި ބައްދަލުވުމަކީ، އިމާރާތްކުރުމުގެ ދާއިރާގައި ޢަމަލީ މަސައްކަތްކުރާ ފަރާތްތަކާއި ގުޅޭ ގަވާއިދަށް އިޞްލާޙު ގެނައުމަށްޓަކައި ކުރިއަށްގެންދެވޭ ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުންތަކުގެ ސިލްސިލާގެ ތެރެއިން ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުން ބޭއްވުނީ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައެވެ. ބައްދަލުވުމުގައި، އިމާރާތްކުރުމުގެ ދާއިރާގައި ދިމާވާ ގޮންޖެހުންތަކާއި، ގަވާއިދަށް ގެންނަން ފެންނަ ބަދަލުތަކާ ގުޅޭގޮތުން ކޮންޓްރެކްޓަރުންގެ ޚިޔާލު ހޯދުނެވެ. އަދި މި ދާއިރާ އިތުރަށް ތަރައްޤީކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ. ކޮންޓްރެކްޓަރސް އެސޯސިއޭޝަންގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި މި ފަދަ ބައްދަލުވުންތަކަކީ ސަރުކާރާއި އަމިއްލަ ފަރާތްތަކާއި ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމުގައެވެ.