އިސްލާމްދީނުގައި ދިރޭތަކެއްޗަށް އޯގާތެރިވުމަށް ދެވިފައިވާ އަހައްމިއްޔަތު
އިސްލާމްދިނަކީ އެންމެ އޯގާތެރި، އިހްސާންތެރި ދީނެވެ. މި ދީނުގައި އޯގާތެރިވުމަށް އަންގަވާފައިވަނީ ހަމައެކަނި އިންސާނުންނަށް އެކަންޏެއްނޫނެވެ. ދިރޭތަކެތީގެ ތެރެއިން ތަފާތު އެކި އެކި ޖަނަވާރުންނަށްވެސް ހެޔޮކޮށް ހިތާ، އެތަކެއްޗަށް އަޅާލުމަށް އިސްލާމްދީން ނުހަނު ބާރުއަޅައެވެ. ދިރޭތަކެއްޗަށް އިހްސާންތެރިވުމަށް ކީރިތި ޤުރުއާނުން ދަލީލް ލިބޭއިރު، މާތް ނަބިއްޔާގެ ހަޔާތްޕުޅުން ފެނިގެންދަނީ ދިރޭތަކެއްޗަށް އޯގާތެރިވުމުގެ މޫރިތި ސިފަފުޅެވެ.
ދިރޭތަކެއްޗަށް އޯގާތެރިވުމަށް އަމުރުކުރައްވައި ގުރުއާނުގައި އައިސްފައިވާ ބައެއް ދަލީލްތައް:
ކީރިތި ގުރުއާނުގެ އައްރަޙްމާން ސޫރަތުގެ 10 ވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.
" އަދި ޚަލްޤުތަކުންނަށްޓަކައި އެކަލާނގެ ބިންލައްވަވާފައިވެއެވެ."
އަދިވެސް ސޫރަތުލް އަންޢާމްގެ 38 ވަނަ އާޔަތުގައި އެކަލާނގެ ވާޙީ ކުރައްވާފައިވާ ބަސްފުޅުގެ މާނަގައި ވެއެވެ. "ފުރާނައެއްހުރެގެން ބިމުގައިއުޅޭ ދިރޭކޮންމެ އެއްޗެއްވިޔަސް، އޭގެ ދެފިޔައިން އުދުހޭ ދޫންޏެއްވިޔަސް، ތިޔަބައިމީހުން ފަދަ އުއްމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ. ފޮތުގައި (ނުލިޔުއްވައި) ތިމަންރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެތަކެތި (ޤިޔާމަތްދުވަހުން) އެއްކުރައްވާހުށީ އެތަކެތީގެ ވެރިރަސްކަލާނގެ ހަޟްރަތަށެވެ."
ދިރޭތަކެއްޗަށް އަނިޔާވެރިވެ ގޯނާކުރުމުގެ ނުބައިކަން:
ކީރިތި ރަސޫލާގެ ހަދީޘްފުޅުން ސާބިތުވާ ގޮތުގައި ދިރޭތަކެއްޗަށް އަނިޔާވެރިވުމަކީ ނަރަކައިގެ އަޛާބަށް ހުށަހެޅިގެންދާ ކަމަކެވެ. އެގޮތުން ބުޅަލަކަށް ކާންނުދީ، އެބުޅާ މަރުވަންދެން އައްސާފައި ބޭއްވި އައްސާފައި ބޭއްވި އަންހެނަކު ނަރަކައަށް ވަންނަން ޖެހުނު ކަމަށް އައިސްފައިވެއެވެ. އެ އަންހެންމީހާ އެބުޅަލަކަށް ކާކަށް އަދި ބޯކަށް ނުދެއެވެ. އަދި އެ ބުޅާ އަމިއްލައަށް ކައިބޮއި ހެދުމަށް ދޫކޮށެއްވެސް ނުލިއެވެ. ( މުސްލިމް އިބްން އަލްހައްޖާޖް، އަލްމުސްނަދު އަލްސަޙީޙް)
ދިރޭތަކެއްޗަށް އޯގާތެރިވުމުގެ މާތްކަން:
ފެންބޮވާފައިވާ ކުއްތާއަކަށް ފެންދިން ކަސްބީ އަންހެންމިހާއަށް ﷲ ފާފަފުއްސެވިކަން އިތުރު އެކަލާގެފާނުގެ ހަދީޘްފުޅުތަކުން ސާބިތުވެއެވެ. މިހަދީޘްފުޅުތައް ސަހީހް ބުޚާރީ އަދި އަލްމުސްލިމްގައި ރިވާވެގެންވެއެވެ.
އަދި މީގެ އިތުރުން އެކަލޭގެފާނުގައި މިނޫން އެތަން ހާދިސާއެއް ހިނަގައި ދިރޭތަކެއްޗަށް އޯގާތެރިވުމަށް ވަނީ އަމުރުކުރައްވާފައެވެ. މިގޮތުން ބުޅަލަށް އަދި ދޫނިސޫފާސޫތްޕަށް އަނިޔާވެރި ނުވުމަށް އަމުރުކުރައްވާފައިވެއެވެ. ބައެއް އަސްހާބުން ބުޅަލަށް ބެހެއްޓެވި ލޯތްބެއްގެ ސަބަބުން އެބޭފުޅުންނަށް މުޚާތަބު ކުރެވެނީވެސް އެފަދަ ނަންތަކުންނެވެ. އެގޮތުން އެންމެ ގިނަ ހަދީޘް ރިވާ ކުރެއްވި ސަހާބީއަށް ނަންދެވިފައިވަނީ " އަބޫ ހުރައިރާ" މާނައީ ބުޅަލުގެ ބައްޕައެވެ. މިއިން ދޭހަވެގެންދަނީ އިސްލާމްދީނުގައި އެކިއެކި ދިރޭތަކެއްޗަށް އޮގާތެރިވުމަށް ބާރުއަޅުއްވާފައިވާ މިންވަރެވެ.
އެހެންކަމުން އަޅުގަނޑުމެންނަކީ ދިރޭތަކެއްޗައް އޯގާތެރި އަޅާލާ ބަޔަކަށް ވާން މަސައްކަތްކުރަންޖެހެއެވެ. ދިވެހިރާއްޖެއަކީވެސް ނިސްބަތުން ބަލާއިރު އިންސާނުން ދިރިއުޅޭ މާހައުލުގައި ދިރޭތަކެތި އުޅެމުންދާ ޤައުމެކެވެ. ވީމާ ދީނުގައި އަންގަވާފައިވާ ގޮތަށް އެތަކެއްޗާ ދޭތެރޭ ކަންތައްތައް ކުރުމަކީ ރިވެތި އަޚްލާގުގެ ތެރެއިންވާ މާތް އަޅުކަމެކެވެ.
