ރ. ފައިނުގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ރަސްމީކޮށް އިފްތިތާޙުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ރ. އަތޮޅުގެ ރައްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފައިނުގައި ޤާއިމުކުރެވިފައިވާ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ރ. ފައިނުގައި ޤާއިމުކުރެވުނު މި ފެނާއި ނަރުދަމާ ނިޒާމަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.

މި މަޝްރޫޢު އަކީ ކޮންސްޓްރަކްޝަން މިނިސްޓްރީން މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ނިންމާފައިވާ ޕްރޮޖެކްޓެކެވެ. މި ނިޒާމު ޤާއިމުކުރުމުގެ މައިގަނޑު މަޤްޞަދަކީ ރ. ފައިނު ރައްޔިތުންނަށް ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މިފަދަ ނިޒާމެއް ޤާއިމުކުރެވުމުން ރަށުގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރައްޔިތުންގެ ޞިއްޙަތު ރައްކާތެރިކުރުމަށް އެހީތެރިވެދޭނެ ކަމަށް ބެލެވެއެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ޤާއިމުކުރުމެވެ. މި މަޝްރޫޢަކީ އެ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދެވުނު އެއް މަޝްރޫޢު ކަމުގައި ފާހަގަކުރެވެއެވެ.