މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައިފި
ފައިނު ކައުންސިލް އިދާރާގެ ބިންގާ އަޅުއްވައި ދެއްވުމަށް މިއަދު ހެނދުނު، އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، އެ އިދާރާގެ އައު ޢިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގެވުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު، އާދަމް ޝަރީފު ޢުމަރެވެ. ރ. ފައިނަކީ، ވަޒީރުގެ އުފަން ރަށެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅުގެ ބައެއް ދާއިރާތަކުގެ ޢިއްޒަތްތެރި މެންބަރުންނާއި، ފައިނު ކައުންސިލްގެ ރައީސާއި، އެ ކައުންސިލްގެ އެންމެހައި މެންބަރުންނާއި، އެ ރަށު ޑަބްލިޔޫޑީސީގެ އެންމެހައި މެންބަރުންނާއި، ފައިނުގެ މުއައްސަސާތަކުގެ ވެރިންނާއި، އެ ރަށުގެ ގިނަ ޢަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެލެއްވިއެވެ.
ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ޢިމާރާތްކުރާ 55 ކައުންސިލްގެ ތެރޭގައި ހިމެނޭ ހުރިހައި ރަށެއްގެ ކައުންސިލް އިދާރާގެ، އައު ޢިމާރާތުގެ މަސައްކަތް ކުރަނީ، މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ "ހެކްސްޓަރ ގްލޯބަލް" އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޚާއްޞަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަން ފެށި، ކައުންސިލް އިދާރާގެ އައު ޢިމާރާތް ބިނާކުމުގެ މަޝްރޫޢުގެ ސަބަބުން އެ ކައުންސިލްތައް ހިންގުމަށް އިތުރު ލުއި ފަސޭހަކަން ލިބި، ރަށުގެ ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރުވެގެން ދާނެއެވެ.