އެންޑީސީ ތަންފީޒުކުރުމަށް ލިބޭ އެހީ ދެނެގަތުމަށް ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުމެއް ބޭއްވިއްޖެ
ރާއްޖޭގައި އެންޑީސީ (ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން) ތަންފީޒުކުރުމަށް ލިބޭ އެހީ ދެނެގަތުމަށްޓަކައި ސްޓޭކްހޯލްޑަރ މަޝްވަރާ ބައްދަލުވުމެއް ބާއްވާފިއެވެ. މި ބައްދަލުވުމުގައި ސަރުކާރުގެ އިދާރާތަކާއި، މަދަދަނީ ޖަމިއްޔާތަކާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ ކަންކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭ ގޮތަށް ޖުމްލަ 30 ބައިވެރިން ބައިވެރިވިއެވެ.
މި ވާރކްޝޮޕްގެ މަޤްޞަދަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ އެހީތައް ދެނެގަތުމާއި ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ދައުލަތުގެ އިދާރާތަކަށް ހުށަހަޅާފައިވާ ގައިޑްލައިންތަކާއި، މަދަނީ ޖަމިއްޔާތަކަށް ހުށަހަޅާފައިވާ އޮނިގަނޑާ ގުޅޭގޮތުން ސްޓޭކްހޯލްޑަރުންގެ ޚިޔާލު ހޯދުމެވެ.
ވާރކްޝޮޕްގައި އަޕްކްލޯޒް ސޮލިއުޝަންސްގެ ޑރ. އާނާ ހަސަނާއި އޭތަރ ޔޫކޭގެ ޖޭމްސް ސަމުޓް ވަނީ ދައުލަތުގެ އިދާރާތަކަށް ތައްޔާރުކޮށްފައިވާ ގައިޑްލައިންގެ ޑްރާފްޓާއި، މަދަނީ ޖަމިއްޔާތަކުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މާލީ އެހީތަކާއި އެފަދަ ކަންކަމަށް ކުރާ އިންވެސްޓްމަންޓްތައް ރިޕޯޓުކުރުމަށް ހުށަހަޅާފައިވާ އޮނިގަނޑު ހުށަހަޅައިދީފައެވެ.
މި ވާރކްޝޮޕް ބޭއްވިފައިވަނީ ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ފަންޑިންގ އާއެކު، ޔޫއެން އެންވަޔަރަންމަންޓްގެ އެހީތެރިކަމާއެކު ތަންފީޒުކުރެވޭ ސީބިޓް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުންނެވެ.