މިނިސްޓަރ ޠާރިޤް އިބްރާހީމް ޖަޕާނުން ވަޑައިގެންނެވި މިސްޓަރ އަސަކުރާ ތަކެކަޒޫ އާއި އޭނާގެ ވަފުދާ ބައްދަލުކުރައްވައިފި
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންވަޔަރަންމަންޓް، އެންޑް އެނަރޖީ އޮނަރަބަލް ޠާރިޤް އިބްރާހީމް، މިއަދު ޖަޕާނުގެ އަސަކުރާ ތަކެކަޒޫ އާއި އެ ޤައުމުގެ ވަފުދަކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ފަރާތުން މަޝްވަރާކުރެއްވި މައިގަނޑު މަޢުޟޫއަކީ ޖަޕާނުގެ އެހީއާއި އިންވެސްޓްމަންޓްތަކުގެ ޒަރީޢާއިން ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އާއި ލޯ އެމިޝަން ތަރައްޤީގެ ފުރުޞަތުތައް ކުރިއެރުވުމެވެ. މިނިސްޓަރ ޠާރިޤް އިބްރާހީމް މި ބައްދަލުވުމުގައި ވިދާޅުވީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.
ޖަޕާނުގެ ވަފުދުން ފާހަގަކުރެއްވީ ދިވެހިރާއްޖެއަކީ ތިމާވެށި ރައްކާތެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ޤައުމެއްކަމާއި، މި ދާއިރާއިން ދިވެހިރާއްޖެއަށް އެހީތެރިވުމަށް ޖަޕާނުން ޝައުޤުވެރިކަން ފާޅުކުރައްވާކަމެވެ.
މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން އިތުރު ފުރުޞަތުތަކެއް ހޯދުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއް ކަމުގައި ބެލެވެއެވެ.