ހައުސިންގ ޕޯޓްފޯލިއޯއާއި ގުޅޭ މިއަހަރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވިއްޖެ
އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހައުސިންގ ޕޯޓްފޯލިއޯ އެ ވުޒާރާގެ ބެލުމުގެ ދަށަށް އައުމާއި ގުޅިގެން، މިއަހަރުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން އިއްޔެ ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް ވަނީ ފްލެޓް ލިސްޓާ ބެހޭގޮތުން މުހިންމު މަޢުލޫމާތުތަކެއް ހިއްސާކުރައްވާފައެވެ. އެގޮތުން މިނިސްޓަރ ވިދާޅުވި ގޮތުގައި، މިނިސްޓްރީން މިހާރު ވަނީ 4000 މީހުންގެ ލިސްޓު ވެރިފައިކުރުމުގެ މަސައްކަތް ފަށާފައެވެ. އަދި މި މަސައްކަތް ވީހާވެސް ދެފުއް ފެންނަ ގޮތަކަށް ނިންމައި، ރަމަޟާން މަސް އައުމުގެ ކުރިން އިޢުލާންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވިއެވެ.

މީގެ އިތުރުން ފްލެޓް ލިސްޓުން އެއްވެސް ބޭފުޅެއްގެ ނަން އުނިވާނަމަ، ގެޒެޓް ކުރެވޭ ލިސްޓުގައި އުނިވާ ސަބަބުވެސް ހިމެނިފައިވާނެއެވެ. މިނިސްޓަރ އިތުރަށް ތަފްޞީލުކޮށްދެއްވި ގޮތުގައި މި މަސައްކަތަކީ ފްލެޓަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ އާ އިވެލުއޭޝަނެއް ހެދުމެއް ނޫންކަމަށާއި މިއީ ކުރިން ހޮވިފައިވާ ފަރާތްތަކުގެ މަޢުލޫމާތު ޗެކްކޮށް ވެރިފައިކުރުމުގެ މަސައްކަތް ކުރުމެވެ. މި ބައްދަލުވުމަކީ ހައުސިންގ ޕޯޓްފޯލިއޯ، އިމާރާތްކުރުމާއި ބެހޭ ވުޒާރާގެ ދަށަށް ބަދަލުވުމަށްފަހު ބޭއްވުނު ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން ކަމަށްވާތީ، ގިނަ އަދަދެއްގެ ނޫސްވެރިންވަނީ މި ބައްދަލުވުމުގައި ބައިވެރިވެ، ގެދޮރުވެރިކަމާއި ގުޅޭ ސުވާލުތައް މިނިސްޓަރ ޑރ. މުޢްތަލިބް އާއި ކުރައްވާފައެވެ.
