ސްޓޯމްވޯޓަރ ނެޓްވަރކް ސާފުކުރުމުގެ މަސައްކަތް ހަވީރީ ހިނގުން ސަރަހައްދުގައި ކުރިއަށްގެންދެވިއްޖެ
ހަވީރީ ހިނގުން ސަރަހައްދުގައި ބެހެއްޓިފައިވާ ސްޓޯމްވޯޓަރ ނެޓްވަރކް ސިސްޓަމް ސާފުކުރުމުގެ މަސައްކަތް ވަނީ އިއްޔެ ކުރިއަށް ގެންދެވިފައެވެ. މި މަސައްކަތް ކުރިއަށް ގެންދިޔައީ އާރް.ޑީ.ސީ އާއި އެމް.ޑަބްލިއު.އެސް.ސީގެ އެހީތެރިކަމާއެކު، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ބެލުމުގެ ދަށުންނެވެ. މިހާރު ކުރިމަތިވެފައިވާ ވިއްސާރަ މޫސުމުގައި، މާލޭގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކަށް ޚާއްސަ އިސްކަމެއް ދީގެން މި މަސައްކަތް ކުރިއަށް ގެންދެވޭނެކަމަށް މިނިސްޓްރީންވަނީ މަޢުލޫމާތު ދެއްވާފައެވެ.

ސްޓޯމްވޯޓަރ ނެޓްވާރކް ސިސްޓަމްތައް ރަނގަޅަށް ބެލެހެއްޓުމަކީ ޤަވާއިދުން ކުރަމުން އަންނަ މަސައްކަތެއްކަންވެސް މިނިސްޓްރީއިން ވަނީ ފާހަގަކުރައްވާފައެވެ. މިނިސްޓްރީގެ ފަރާތުން އިތުރަށް ވިދާޅުވި ގޮތުގައި މިހަފްތާ ތެރޭގައި މާލޭގެ އިތުރު ސަރަހައްދުތަކުގައި ބެހެއްޓިފައިހުރި ސްޓޯމްވޯޓަރ ނެޓްވަރކް ސިސްޓަމްތައް ސާފުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށް ގެންދެވޭނެއެވެ. މި މަސައްކަތުގެ މަޤްޞަދަކީ ވިއްސާރަ މޫސުމުގައި މަގުތަކުގައި ފެންބޮޑުވުން ކުޑަކޮށް، ރައްޔިތުންނަށް ދިމާވާ ދަތިތައް ވީހާވެސް ކުޑަކުރުމެވެ. އަދި މިކަމުގެ ސަބަބުން މާލޭގެ މަގުތަކުގެ ސާފުތާހިރުކަން އިތުރުވެ، ދުޅަހެޔޮ މާހައުލެއް ޤާއިމުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެއެވެ.